މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ މި ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުން: ސައްލެ

ކޯވިޑް-19ގެ މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ މި ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ކާބޯތަކެތީގެ ރައްކާތެރ...

07 Sep 2021 | 10:39

ކޯވިޑް-19ގެ މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ މި ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ޕެންޑަމިކްގެ މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ މި ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، ބޭރު ދުނިޔެއިން ރާއްޖޭގެ އަދުގެ ސަރުކާރު ބަލައިގަންނާތީ ކަމަށެވެ. އޭގެ ނަތީޖާއަކަށްވެގެންދިޔައީ، ބަލިމަޑުކަމާއެކު ގައުމުތަކުގެ އެކްސްޕޯޓް މަޑުޖައްސާލާފައި އޮތް ދުވަސްވަރު ވެސް އެ ގައުމުތަކުން ރާއްޖެއަށް ބޭނުންވާ ތަކެތި ލިބިގެން ދިޔުން ކަމަށް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ޕެންޑަމިކްގައި ވެސް ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ޔަގީންކަން ފޯރުކޮށްދިން ކަމަށާއި، ކާޑުގެ ބާވަތްތަކުން ނަގަމުންދިޔަ ސަބްސިޑީ ކަނޑާނުލައި ކުރި މަސައްކަތަށް ސަރުކާރަށް އޭ ޕްލަސް ދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ސައްލެ ވިދާޅުވީ، 2016 ވަނަ އަހަރު އިޤުތިޞާދު ވެސް ރަނގަަޅަށް އޮވެމެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައި، ކާޑަށް ދެމުންގެންދިޔަ ސަބްސިޑީ ކަނޑާލަން ނިންމި ކަމަށެވެ. އެ ނިންމުމާ އެއްކޮޅަށް ވަކާލާތު ކުރެއްވި، އޭރު އޮތް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވަމުންގެންދެވީ އިޤުތިޞާދަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކަންތައްތައް ނުކުރައްވާނެ ކަމަށެވެ. އެއާއެކު ތަކެތީގެ އަގު އުފުލި ކުލީގެ އަގު ބޮޑުވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް ޕެންޑަމިކްގެ މި ހާލަތުގައި ވެސް ކާބޯތަކެތީގެ އަގު ހިފެހެއްޓި، ކާބޯތަކެތީގެ ޔަގީންކަން ސަރުކާރުން ދެއްވިކަން މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 200 އަށްވުރެ ގިނަ ކާޑު އެޖެންޓުން އެބަތިބިކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ލިބުމަކީ އަސާސީ ހައްގަކަށްވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަކީ ލާމަރުކަޒީ އުސޫލުން ގާނޫނު ތަންފީޒު ކުރެވޭ ގޮތަށް ވިސްނާފައި ތައްޔާރުކޮށްފައި އޮތް ބިލެއްކަމަށް މެމްބަރު ވިދާޅުވިއެވެ. މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ހެދޭ ގަވާއިދު ތަކަކީ، އަމަލުކުރުން ފަސޭހަ ގަވާއިދުތަކަށް ވާންޖެހޭ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް