ކޯވިޑް-19ގެ ކުރިން ކުނި ނެގި އުސޫލުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަނެއްކާ ވެސް ދޮރުން ދޮރަށް ގޮސް ކުނި ނަގަން ފަށަން ނިންމައިފިއެވެ.
ވެމްކޯގައި ރަޖިސްޓަރީ ކުރެވިފައިވާ ގޭބިސީތަކުގެ ދޮރު ދޮށަށް ގޮސް، ކުނި ނެގުމަށް ވެމްކޯ އިން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ރަޖިސްޓަރީ ކުރެވިފައިވާ ގޭބިސީތަކުން ކުނި ބޭލުމަށް ގޭގޭގެ ފަންގިފިލާތަކަށް އަރަން ޖެހޭނެތީ މި މަސައްކަތް ކުރިއަށްދާ ވަގުތު (އިރު އޮއްސި 06:00ން ރޭގަނޑު 11:00ށް) އިމާރާތުގެ މައި ދޮރުން ފަސޭހައިން ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި ވަގުތު ސަލާމަތް ކުރުމަށް އަދި މުވައްޒަފުންނަށް ލުއިކޮށްދިނުމަށް ލިފްޓް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެ ކުންފުނިން އެދެއެވެ.
ވެމްކޯ އިން ބުނީ، ކޯވިޑް-19ގެ ހާލަތަތުގައި މަގުމަތީގައި ބެހެއްޓި ހުރިހާ ކުންޏެއް ނެގި ނަމަވެސް، ދެން ޚިދުމަތް ދެވިގެން ދާނީ ހަމަ އެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށް ކަމަށެވެ.
އެހެންކަމުން އަންނަ މަހުގެ 15 ވަނަ ދުވަހަށްފަހު އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެމްކޯގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓަރީ ކުރުމަށްވެސް ވަނީ އެދިފައެވެ.
ވެމްކޯގެ ހިދުމަތަށް ރަޖިސްޓަރީވެ، މިހާތަނަށް ފީ ދައްކާފައި ނުވާ ފަރާތްތަކުން، ފާއިތުވި މަހުގެ ބިލްތައް ފިޔަވާ، އޭގެ ކުރިން ހުރި ބިލްތައް ދެއްކުމުން ހިދުމަތް އަލުން ފަށާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާލުވެއެވެ.
އަމިއްލައަށް ސައިޓަށް ގޮސް ގުނި އުކާލުމަށް ޓަކައި ދޫކޮށްފައިވާ ކާޑުގެ ހިދުމަތް ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވޭނެ ކަމަށް ވެސް ވިދާޅުވެއެވެ.
މީފެ އިތުރުން، ހަރައްކާތެރިކަމާއެކު ކުނި ބަންދުކުރުމަށްވެސް ވެމްކޯއިން އިލްތިމާސްކުރެއެވެ. އަދި ކުނި އުކުމަށް މީގެފަހުން ވެމްކޯގެ ކުނި އުކާ ސައިޓުތަކަށް ސައިކަލުތަކުގައި ނުވަދެވޭނެކަމަށްވެސް ވެމްކޯއިން ބުނެއެވެ. އެސައިޓު ތަރައްޤީގެ ބޮޑު މަޝްރޫޢަކަށް ބަންދުކުރުމަށް ނިންމާފައިވަތީ ކުނި އުކުމަށް ފީ ދެއްކުމަކާ ނުލާ އަންނަ ފަރާތްތަކަށް މީގެ ފަހުން ނުވަދެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ކުނި ނެގުމުގެ ޚިދުމަތް ދިނުމަށް ކޮންމެ ދުވަހެއްގައިވެސް ވެމްކޯގެ ޑްރައިވަރުންނާއި ލޮޖިސްޓިކްސްއާއި ސުޕަވައިޒަރުންނާއި ކުނި ނެގުމަށް ޙަރަކާތްތެރިވާ ފަރާތްތަކާއި މަގުމަތީ ކުނި ކަހާ ފަރާތްތަކުގެ ގޮތުގައި ކޮންމެ ދުވަހަކުވެސް 400އާއި 500 އާއި ދެމެދުގެ ޢަދަދަކަށް މުވައްޒަފުން ޙަރަކާތްތެރިވަމުން އަންނަކަމަށް ވެމްކޯއިން ހާމަކުރެއެވެ. އަދި މިމަސައްކަތުގައި ބޮޑު 210 ޑަސްބިނާއި 30 ވެހިކަލް މިހާރު ބޭނުން ކުރަމުން އަންނަކަމަށް ވެމްކޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް