ޔާމީނަށް ހުކުމް އިއްވަން ވަޒީރަކު މެސެޖް ކުރެއްވި ކަމަށް ޓްވީޓް ނުކުރަން: ހައިލަމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވަން އަންގައި ވަޒީރަކު ޓެލެގްރާމް އިން ސީކްރެޓް މެސެޖެއް ކުރި ކަމަށް ޓްވީޓް ކުރައްވާފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އި...

07 Sep 2021 | 09:10

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވަން އަންގައި ވަޒީރަކު ޓެލެގްރާމް އިން ސީކްރެޓް މެސެޖެއް ކުރި ކަމަށް ޓްވީޓް ކުރައްވާފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަށް ވަޒީރަކު މެސެޖް ކުރެއްވި ކަމަށް ނޫސްތަކުން ޚަބަރު ގެނެސްދީފައި ވަނީ ސައްހަ ނޫން ސްކްރީން ޝޮޓެއް ބަލައިގެން ކަމަށެވެ. އޭނާ ވަނީ އެޚަބަރު ނެގުމަށް ފަހު ނޫސްތަކުން މާފަށް އެދެން ވެސް އަންގާފައެވެ.

މީގެ ކުރިން ހައިލަމް ނެރުއްވި ބަޔާނެއްގައި ވެސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، މިސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ވިދާޅުވެފައިވެއެވެ.

"މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ 2019 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހެވެ." ހައިލަމް ނެރުއްވި ބަޔާނުގައި ލިޔުއްވާފައި ވެ އެވެ.

ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވަން އަންގައި ވަޒީރަކު ޓެލެގްރާމް އިން ސީކްރެޓް މެސެޖެއް ކުރި ކަމަށް ހައިލަމް ޓްވީޓް ކުރި ކަމަށް ދޭހަވާ މޭރުމަކުން "ދުވަސް"ގައި ވެސް ޚަބަރު ޝާޢިއުކުރެވިފައި ވާތީ ހައިލަމްގެ ކިބައިން އެކަމަށް މަޢާފަށް އެދެމެއެވެ.

ދުވަސްގެ ވެބްސައިޓުން މިހާރު ވާނީ އެ ޚަބަރު ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް