ފައިރޫޝް ޝަރަފުވެރިކޮށް ރިޓަޔަރ ކުރުމުން ހަސަން ލަތީފް ކަންބޮޑުވެފައި!

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ހުރީ "ބަޣާވާތެއް ކޮށްގެން" ކަމަށާއި، އެފަދަ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކޮށްގެން ނުވާނެކަމަށް ވިދާޅުވެ، ޝަރަފުވެރިކޮށް އޭނާ ރިޓަޔަރ ކުރި މ...

07 Sep 2021 | 09:06

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ހުރީ "ބަޣާވާތެއް ކޮށްގެން" ކަމަށާއި، އެފަދަ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކޮށްގެން ނުވާނެކަމަށް ވިދާޅުވެ، ޝަރަފުވެރިކޮށް އޭނާ ރިޓަޔަރ ކުރި މައްސަލައިގައި ހެންވޭރު އުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޑރ. ފައިރޫޝް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރި މައްސަލަ 241 ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި ހަސަން ލަތީފް ވިދާޅުވީ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރާއިރު ބަލާލަންޖެހޭކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފައިރޫޝް ރިޓަޔަރ ކޮށްފައިވަނީ ކުރީގެ ޤާނޫނުގެ ދަށުންކަމަށް ހަސަން ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރު ފަހުގެ ޤާނޫނު ފާސްކުރެވިފައި އޮތްކަމަށާއި، އާ ގާނޫނު ފާސްވެފައިވަނިކޮށް އެ ގާނޫނުގެ މަފްހޫމުތަކާ ތައާރަޒުވާގޮތަށް ކަމެއްކޮށްގެންނުވާނެ ކަމަށް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު "ބަޣާވާތަކުން" 7 ފެބްރުއަރީ 2012ގައި ބަދަލުކުރިއިރު ފައިރޫޝް ހުރިތަނާއި ކޮށްފައިވާކަންކަން ވީޑިއޯ އަދި އޯޑިއޯތަކުން އެގެން އެބަހުރިކަމަށެވެ. ޤާނޫނީ ސަރުކާރެއް ހިނގަނިކޮށް، ޤާނޫނީ ގޮތުން އިންތިހާބު ކޮށްފައިހުރި ރައީސެއް އަދި ގާނޫނީ ގޮތުން އައްޔަނު ކޮށްފައިހުރި ޕޮލިސް ކޮމިޝަަނަރެއް ހުންނަވަނިކޮށް އަމިއްލައަށް ތިމަންނާއަކީ ފުލުހުންގެ ކޮމިޝަނަރުކަމަށް ފައިރޫޝް އިއުލާނު ކުރި ކުރުމަކީ ޤާނޫނާ ހިލާފަށް ކުރި ކަމެއްކަމަށެވެ. އަދި އެއީ "ބަޣާވާތްކުރުން" ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ބަޣާވާތުގައި ފައިރޫޝްގެ އަމަލުތައްހުރިގޮތް މަޖިލީހުގެ ރިކޯޑްތަކުންވެސް އަދި އެހެން ވީޑީއޯތަކުންވެސް ފެންނަންހުރި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ފައިރޫޝް އެދުވަހު އަމަލުކުރިގޮތް ރަސްމީ ލިޔެކިޔުންތަކުގައާއި ވީޑިއޯތަކުގައި ފެންނަންހުރިއިރު، އެފަދަ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރެވިދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިންމާ ރިޓަޔަރ ކުރުމަކީ ކުރެވިދާނެކަމެއްކަމަށް ރައްޔިތުންނާއި އެމްޑީޕީންވެސް ގަބޫލުނުކުރާނެކަމަށް ހަސަން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް