ކަސްޓަމަރުންގެ މައުލޫމާތު ތިން ވަނަ ފަރާތަކާއި ހިއްސާކުރުމަކީ ގާނޫނުން ތަންދޭ ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެސްއެމްއީ ލޯނު ދީފައިވާ ފަރާތްތަކާއި އެ ލޯނުތައް އަނބުރާ ގަވާއިދުން ދައްކަމުންދަނީ ކޮން ފަރާތްތަކެއްތޯ ސާފުކުރައްވަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފޮނުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރ ވިދާޅުވީ މެމްބަރު ހޯއްދަވަން އެދިވަޑައިގެންނެވި މައުލޫމާތަކީ އެސްޑީއެފްސީގެ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފުކަމެއްކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށެވެ.
އެއީ ކުންފުންޏާއި ކަސްޓަމަރުންނާއި ދެމެދު ކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ސިއްރު، އަދި އެ ވިޔަފާރިތަކުގެ ޒާތީ އަދި ވިޔަފާރީގެ ސިއްރު ހިމެނޭ ހައްސާސީ މައުލޫމާތުތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
އާޒިމް ހޯއްދަވަން އެދިވަޑައިގަންނަވާ މައުލޫމާތު މެމްބަރާއި ހިއްސާކުރެއްވުމަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ޖަވާބުދާރީވުމަށާއި އެސްއެމްއީ ލޯނު ދޫކުރުމާއި ގުޅޭގޮތުން އެ މިނިސްޓްރީއަށް އަމާޒުކުރެވޭ އިލްޒާމުތަކާއި ގުޅޭ ގޮތުން ހަގީގަތް ހާމަކުރަން ބޭނުންތެރިކަމެއްކަަމަށް މިނިސްޓަރ ފައްޔާޒް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެހެންވެ، މައުލޫމާތު ހޯއްދަވަން އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމުން، ގާނޫނު ހުއްދަކުރާ މިންވަރަށް އެ މައުލޫމާތު ވަކިން އާޒިމާއި ހިއްސާކޮށްދިނުމަށް އެސްޑީއެފްސީގައި އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް