ޤައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރައްވަނީ އަންހެނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅޫ ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތަ އަންހެނުން ކަމަށެވެ.
ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެގޮންޖެހުންތައް ކުރިމަތިވަނީ މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން އެކަމަށް ޙައްލުހޯއްދެވުމަަށް ކުރައްވާ މަސައްކަތްތަކުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުޞަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖުތަމަޢުގެ ވިސްނުން ރަނގަޅުވާނެ ކަމަށް ދެކިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާ، އެންމެ މުހިންމު ކަމަކަށް ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަސައްކަތުން ޤާނޫނީ ގޮތުން ގެނަސްފައިވާ ބަދަލުތަކެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ފުރުޞަތުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމަ އެއާއެކު މިއަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދިގެންދިޔަ އަންހެންގެ ކޮމިޓީތަކުގެ ސަބަބުން ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުވެގެން ގޮސްފައިވާކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ހާލަތުގައި އަންހެނުން ކުރެއްވި އަގުހުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް