ޒުވާނުންނަކީ ލިބޭ އެއްޗަކުން އެކަށީގެންވާ ގޮތަކަށް ގެ ހެދޭބައެއް ނޫންކަމަ ވިދާޅުވެ، ރޯ ހައުސްގެ ޕްރޮޖެކްޓެއް ދ. މީދޫގައި ހިންގާ ދިނުމަކީ މީދޫ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ރައީސް ސޯލިހު ކުރައްވާ ކެންޕޭނަށް ދ މީދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ސިޔާމް ވިދާޅުވީ ޒުވާނުންނަށް ލިބޭ އެއްޗަކުން އަބިދަރިންނަށް ކާންދީ، ހުރިހާ ކަމެއް ކޮށްދިނުމަށްފަހު 50 އަދި 40 އަހަރުވާއިރުވެސް ގެ ނޭޅޭކަމަށެވެ.
އެގޮތުން މީދޫގައި މަދުވެގެން 200 އެއްހާ ހައުސިން ޔުނިޓް އަޅާ ދިނުން ނުވަތަ، ހަމަ އެވަރަށް ގެދޮރުވެރިކަން ކުރެވޭނެ ގޮތަކަށް މި މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ސިޔާމް ހާމަކުރެއްވިއެވެ.
މީގެ އިތުރަށް، އެ ރަށުގައި އެންމެ ބޮޑު ހިތާމަވެރި ހާދިސާ ތައް ހިނގައިފައިވަނީ ރަށުގައި ފެން ބޮޑު ވުމުގެ ސަބަބުންކަމަށް ސިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އެ ރަށުގެ އެންމެ ބޮޑު ބޭނުމަކީ ޒަމާނީ ފެންވަރުގައި ކުދި އަދި ބޮޑެތި މަގުތަކުގައި ތާރު އަޅައި އެންމެ ރަގަޅަށް ހަދައިދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެފަދައިން، މީދޫއަކީ އަތޮޅުގެ ބޮޑު ޕޮޕިއުލޭޝަން އެއް އޮންނަ، އަދި ކައިރީގައި ރިސޯޓް ތައް ވެސް ވަރަށް ގިނަ ރަށަކަށް ވާއިރު، އެ ރަށުގައި ބޭންކް ގެ ނިޒާމް ޤާއިމް ކޮށްދިނުމަކީ އެ ރަށުގެ ރައްޔިތުންގެ އެދުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބީއެމްއެލްގެ ބްރާންޗެއް އެ ރަށުގައި ހުޅުވައިދިނުމަކީ ވެސް ވަރަށް ބޮޑު އުންމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، އެ ރަށުގެ ބަދަރު ރަތައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މޫދަށް އެރުމަށް އާޓިފިޝަލް ބީޗް އެއްވެސް ހެދިގެންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މީދޫ ސުކޫލް ގެ މަލްޓި ޕާޕަސް ހޯލް ގެ މަސައްކަތުގެ ތެރެއިން 4 ކިލާސް ރޫމް އާއި، ސައިންސް ލެބޯޓްރީ އެއް އެޅުމަކީވެސް ރައްޔިތުންގެ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް