ރައީސް ސޯލިހު ދ. މީދޫގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ފެނަކަ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙް...

07 Aug 2023 | 08:21

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ފެނަކަ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

އެމަނިކުފާނު، މީދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ފެނަކަ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ޤާއިމްކުރެވުނު ފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ފެނަކަ ކޯޕަރޭޝަނުން، މީދޫގައި ޢިމާރާތްކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޢިމާރާތްތަކެކެވެ.

މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ.

ދ. މީދޫގައި، ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫޢުކެވެ.

މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމައި، މިހާރުވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް