ދެން ވިސާއާ ނުލައި ދިވެހިންނަށް ސައުދީ އަށް ދެވޭނެ

ޓޫރިޒަމްގެ ބޭނުމަށް ސައުދި އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދެވޭނެ ގޮތް އިއްޔެ ހަމަޖައްސައިދީފި އެވެ. ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށް ދަތުރުކުރުމަށް ވިސާގެ ލުއި އިތުރު ...

07 Aug 2023 | 06:25

ޓޫރިޒަމްގެ ބޭނުމަށް ސައުދި އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދެވޭނެ ގޮތް އިއްޔެ ހަމަޖައްސައިދީފި އެވެ.

ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށް ދަތުރުކުރުމަށް ވިސާގެ ލުއި އިތުރު އަށް ގައުމަކަށް ދޭން ނިންމާފައިވާ ކަމަށް ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

އެއީ ރާއްޖެ ހިމެނޭހެން، އަލްބާމާ އާއި، އާޒަރުބައިޖާނާއި، ޖޯޖިއާ އާއި، ކުރިގިސްތާނާއި، ސައުތު އެފްރިކާ އާއި، ތަޖަކިސްތާން އަދި އުޒުބެކިސްތާނަށެވެ. އަދި އެ ގައުމުތަކަށް، ސައުދީން ޓޫރިސްޓުންނަށް ދޫކުރާ "ވިޒިޓާ ވިސާ" އޮންލައިންކޮށް އަދި އޮން-އެރައިވަލްގައި ވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ވިޒިޓާ ވިސާގެ ދަށުން ހުއްދަވާ ކަންތައްތައް:

  • ޓޫރިޒަމް
  • އުމްރާގެ އަޅުކަން
  • ވިޔަފާރި
  • އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުން.

"ފަތުރުވެރިކަމަށް، ޢުމްރާއަށް، ވިޔަފާރިއަށް ނުވަތަ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް އިލެކްޓްރޯނިކް ގޮތެއްގައި ނުވަތަ އެއާޕޯޓްތަކުގައި ވިޒިޓް ވިސާ ދޫކުރުމުގެ ޕްރޮސެސް ފަސޭހަކޮށްދިނުމަށް ސައުދީ ރަސްކަމުގެ ނިންމުމަށް މަރުހަބާ ކިޔަން." މިކަމާ ގުޅިގެން ފޮރެން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ސައުދީގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރުހާން އަށާއި މިނިސްޓަރ އޮފް ޓޫރިޒަމް އަހުމަދު އަލް ކަތީބު އަށް ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ މި މުހިންމު ތަރައްޤީއަށްޓަކައި ޝުކުރު ދަންނަވާފައިއެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި، އެ ވިސާގެ ދަށުން ހައްޖުގެ އަޅުކަން އަދާ ނުކުރެވޭނެ އެވެ. އަދި ހައްޖުގެ ދުވަސްވަރު އުމްރާގެ އަޅުކަން ވެސް އަދާނުކުރެވޭނެ އެވެ. އެއްވެސް ތަނެއްގައި އުޖޫރު ލިބޭ ގޮތަށް މަސައްކަތް ކުރުން ވެސް މަނާ ވާނެ ކަންވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް