ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު އިސްރާއީލް އަސްކަރިއްޔާއިން ވައިގެ ހަމަލާތައް ދޭން ފެށީ އިންޒާރު ދިނުމެއް ނެތި އެވެ. ހަމަލާތައް ބޮޑަށް އަމާޒު ކުރަމުންދަނީ އާންމުންގެ ގެތަކަށާއި ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިންގެ ގޭގެއަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ހަވީރު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އާއްމުން ޝަހީދުވެ ޒަހަމްވަމުންދާ ކަމަށާއި އެ އެންމެންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ހަމްދަރުދީ ފާޅުކުރާ ކަމަށެވެ.
ބަޔާނުގައި ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް އެ ގައުމުން ބާރުގެ ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ އާއްމު މަޖިލީހާއި ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް ކަމަށް ރާއްޖޭން ގަބޫލުކުރާ ގަބޫލުކުރުން ބަޔާނުގައި ތަކުރާރުކޮށްފަ އެވެ.
އަދި ދިވެހި ސަރުކާރުން ދެކޭ ގޮތުގައި މި މައްސަލައަށް ދާއިމީ ސުލްހައެއް އަންނާނީ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅޭ އަދި 1967 ވަނަ އަހަރުގެ ކުރިއަށް އޮތް ބޯޑަރާ އެއްގޮތަށް، މިނިވަން ފަލަސްތީނެއް އުފެދޭ ދެ ދައުލަތުގެ ހައްލެއް ގެނެސް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުން ވަނީ ރާއްޖެ އޮތީ ފަލަސްތީނާއި އެ ގައުމުގެ ސަރުކާރާ އެކުކަން ބަޔާންކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ބައިނަލްއަގްވާމީ މުޖުތަމުއާ ގުޅިގެން ވަކާލާތުކުރާނެކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިދިޔަ ދެ ދުވަސް ތެރޭގައި32ށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް