މާފަރު ކައުންސިލްގެ ވަޒީފާއިން ޒަހީން ވަކިކުރީ ގޯސްކޮށް: ޓްރައިބިއުނަލް

ނ.މާފަރު ކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމުން ޒަހީން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެއްވެސް ނޯތިސްއެއް ދިނުމެއް ނެތި، ޒަހީން ޢަބްދުﷲ މާފަރު ކައުންސިލްގެ ވަޒީފ...

07 Aug 2022 | 09:55

ނ.މާފަރު ކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމުން ޒަހީން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ނިންމައިފި

އެއްވެސް ނޯތިސްއެއް ދިނުމެއް ނެތި، ޒަހީން ޢަބްދުﷲ މާފަރު ކައުންސިލްގެ ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޒަހީންގެ ފަރާތުން އެދިފައިވަނީ، މާފަރު ކައުންސިލްގެ ލީގަލް އޮފިސަރ ގެ މަޤާމުގައި އެއްވެސް އެއްބަސްވުމެއް ނެތި، 5 މަހާއި 10 ދުވަހު އަޅުގަނޑު ބެހެއްޓުމަށްފަހު، ސިވިލް ސާރވިސް ކޮމިޝަނުން މާފަރު ކައުންސިލަށް ފޮނުވި ސިޓީއަކާއި ގުޅިގެން އެއެްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، އޭނާއަށް ލިބެންޖެހޭ ނޯޓިސްގެ މުއްދަތު ލިބިދިނުމަށާާއި، އެއްވެސް ނޯޓިސް އެއް ނުދީ، ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ގެއްލުމުގެ ބަދަލެއްގެ ގޮތުން، ނޯޓިސްގެ މުއްދަތަށް ލިބެންޖެހޭ ފައިސާ އާއި، އިތުރު 1 މަސް ދުވަހުގެ މުސާރަ ނަގައިދިނުމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނަލް ރައްދުވާގޮތަށް ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލަ މިއަދު ނިންމާފައިވާއިރު، މައްސަލަ ބެއްލެވި މެމްބަރ ފާހަގަ ކުރައްވާފައިވަނީ، ޒަހީން ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށް ކަމަށާއި، އަދި ވަޒީފާއިން މީހުން ވަކިކުރުމުގައި ޤާއިމު ކުރަންޖެހޭ އިޖުރާޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި ނުވާ ކަމަށެވެ.

"މި މައްސަލަ ޓްރައިބިއުނަލަށް ހުށަނާޅާ ހައްލު ކުރެވޭތޯ ވަރަށް މަސައްކަތް ކުރިން. މާފަރު ކައުންސިލަކުންވެސް އަދި ސިވިލް ސާރވިސް ކޮމިޝަނަކުންވެސް މިކަން ހައްލު ކުރުމަށްޓަކައި، އެއްވެސް އެއްބާރުލުމެއް ދީފައެއް ނުވޭ. ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ކައުންސިލް މެމްބަރުންނަށާއި އިދާރީ ބައެއް މުވައްޒަފުންނަށް ނުފޫޒު ފޯރުވައިގެން މި ގޯސް އެމީހުން ލައްވާ ހެދީ. އެހެންވީމަ، އަޅުގަނޑު ޓްރައިބިއުނަލްގައި އެދިފައިވާނީ، ގެއްލުމުގެ ބަދަލަށް 1 މަސް ދުވަހުގެ މުސާރަ ނަގައިދިނުމަށް. އެ މުސާރަ ދިނުމަށް ވަނީ އަންގާފަ." މި ނޫހަށް މަޢުލޫމާތު ދެއްވަމުން ޒަހީން ވިދާޅުވިއެވެ.

މާފަރު ކައުންސިލްގެ ލީގަލް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާންގައި ބުނާ 4 މަސް ދުވަހުގެ މުއްދަތު 6 ފެބްރުއަރީ 2022 ށް ހަމަވެ، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް މާފަރު ކައުންސިލުން ބޭނުންވެގެން، އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް، 01 މާރޗް 2022 ގައި ބައްދަލު ވުމެއް ބޭއްވިއެވެ. އެއީ މާފަރު ކައުންސިލްގެ 4 ވަނަ ދަޢުރުގެ 25 ވަނަ ޢާއްމު ބައްދަލުވުމެވެ. އެ ދުވަހާއި ހަމައަށްވެސް އަދި، ވަޒީފާއިން "ކުއްލިއަކަށް" ވަކި ކުރުމާއި ހަމައަށްވެސް ޒަހީން ހުރީ ވަޒީފާގެ މަސްޢޫލިއްޔަތުގައި ބަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް