ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް އެމްއެމްސީ، ބްރޯޑްކޮމް، ޝަހީބު މީޑިއާއާއި އެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެކެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގައި ބޭއްވި ރަސްމީޔާތެއްގައި މި ފަހުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ޝަހީބު މީޑިއާގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބެވެ.
މި ފަހުމުނާމާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ޒިންމާދާރު، ޤާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމެވެ. އަދި މީޑިއާގައި ހަރަކާތްތެރިވުމަށް ތައުލީމީ ޒުވާނުން ޝައުގުވެރިކުރުވައި، ޕްރޮފެޝަނެއްގެ ގޮތުގައި ނޫސްވެރިކަން ޚިޔާރުކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
މީގެ އިތުރުން ނޫސްވެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވައިދުތަކާއި ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި ނޫސްވެރިންގެ ގަދަރު އާންމުންގެ މެދުގައި މަތިކުރުމާއި މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުމެވެ.
މި ފަހުމުނާމާގެ ދަށުން "ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ" ކޯހެއް ޝަހީބު މީޑިއާއިން ހިންގައިދޭނީ ހިލެއެވެ.
މިގޮތުން މި ކޯހުގައި ބައިވެރިވުމަށް 30 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 20 ޖާގަ މީޑިއާތަކަށް ޚާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ.
ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިންގ އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ "މީޑިއާ ހައުސް" އެކެވެ.
"ޝަހީބު މީޑިއާ" އަކީ ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގާ "މީޑިއާ ހައުސް" އެކެވެ.
ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.
ޝަހީބު މީޑިއާއިން އިންތިޒާމްކުރާ ކޯސްތަކުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ.
އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް