ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކްލާމެންޓް ފޫޓާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު ސީޒަނުގެ ފުރަތަމަ މެޗުން އެޓީމު މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭ ކުޅެފައި ނުވާއިރު، ފުރަތަމަ 11 ގައި ހިމެނިގެން ލިއޮނެލް މެސީ އާއި ނޭމާ ކުޅެފައިވެއެވެ.
މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން އައީ ޕީއެސްޖީންނެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެސީގެ އެހީތެރިކަމާއި އެކު މި ލަނޑު ޖެހީ ނޭމާއެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު 26 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޖެހީ ވިޓީނިއާގެ އެހީތެރިކަމާއެކުއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ ނޭމާ ދިން ބޯޅައަކުން ކެޕްޓަން މާކީނިއޯސްއެވެ.
ތިން ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ޕީއެސްޖީން ނިންމާލިއިރު، ފަހުހާފަށް ކުޅެން ނިކުމެ ވެސް ރަނގަޅަށް ކުޅެމުން އައީ ޕީއެސްޖީންނެވެ. ޕީއެސްޖީގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ މެސީއެވެ. ފުރަތަމަ ލަނޑު 80 ވަނަ މިނެޓުގައި މެސީ ޖެހީ ނޭމާގެ އެހީތެރިކަމާއެކުއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން މެސީ ދެ ވަނަ ލަނޑު ޖެހީ ލިއަންދްރޯ ޕަރޭޑެސްގެ އެހީތެރިކަމާއި އެކުގައެވެ.
ލީގުގައި ޕީއެސްޖީގެ ދެ ވަނަ މެޗު ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. މި މެޗުގައި ބައްދަލުކުރާނީ މޮންޓްޕެލިއާއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް