ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށައިފި އެވެ.
މިއަހަރު އަމިއްލަ ސްކޫލްތަކާއި ސަރުކާރު ހިމެނޭހެން217 ސްކޫލެއްގައި ކިޔަވައިދޭނެ އެވެ. އެ ސްކޫލްތަކުގައި92،300 ދަރިވަރުން ތައުލީމް ހާސިލް ކުރާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ދިރާސީ އަހަރު ފެށީ ހުރިހާ ކަމެއް ފުރިހަމަވެގެންނެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވާ ނިމިފައިވާ ކަމަށް ބުނެފައިވެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ 8،364 ޓީޗަރުންނާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ 6،006 ދިވެހި ޓީޗަރުންނާއި 1،693 ބިދޭސީ ޓީޗަރުންނެވެ.
އެހެން އަހަރުތަކާއި ހިލާފަށް ޓީޗަރުން ހޯދުމުގައި މިއަހަރު ދަތިތަކެއް ދިމާނުވާކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. ސަބަބެއްކަމަށް އެމިނިސްޓްރީއިން ބުނީ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ހެޔޮ ބަދަލެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު އަލަށް ސްކޫލްތަކަށް 7،700 ވަދެފައިވާ ކަމަށެވެ. ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށްގޮސް ނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1،500 ދަރިވަރުން އަތޮޅުތެރެއިން ބަދަލުވެފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މިއަހަރު އަލަށް ހުޅުވާ ސްކޫލަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް) އެވެ. އެ ސްކޫލްގެ ކިޔެވުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށެންދެން އެ ސްކޫލްގެ ދަރިވަރުން ކިޔަވަން ދަނީ ހުޅުމާލޭ ފޭސް އެކެއްގެ ސަރުކާރުގެ ހަތަރު ސްކޫލަށެވެ.
މި އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް