ލޭ އަޅަންވާ ފުޅި ނޫން އެހެން ފުޅިއަކަށް ލޭ އެޅިގެން އަލުން ލޭ ނަގަން ޖެހިއްޖެ

ލޭ އަޅަންވާ ފުޅި ނޫން އެހެން ފުޅިއަކަށް ލޭ އެޅިގެން އަލުން ލޭ ނަގަން ޖެހިއްޖެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މި ހާދިސާ ހިނގި ގޮތް ލޭ ދިން ފަރާތުން ވަނީ ދުވަސް ނޫހަށް ކިޔައިދީފައެވެ...

07 Aug 2022 | 03:38

ލޭ އަޅަންވާ ފުޅި ނޫން އެހެން ފުޅިއަކަށް ލޭ އެޅިގެން އަލުން ލޭ ނަގަން ޖެހިއްޖެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މި ހާދިސާ ހިނގި ގޮތް ލޭ ދިން ފަރާތުން ވަނީ ދުވަސް ނޫހަށް ކިޔައިދީފައެވެ.

އޭނާ ބުނީ ބަލި މީހަކަށް ލޭ ދޭންވެގެން އިއްޔެ އައިޖީއެމްއެޗަށް ގޮސް ލޭ ދީފައިވާ ކަމަށެވެ.

އޭނާ މާލޭގައި ވަޒީފާ އަދާކުރިޔަސް އުޅެނީ ހުޅުމާލޭ ފޭސް 2 ގައި ކަމަށާއި އެހެންވެ، އޮފީސް ނިންމާފައި އައިސް ހުޅުމާލެ އަށް އެރިތަނުން އައިޖީއެމްއެޗުން ގުޅާފައި އެވާހަކަ ބުނެގެން އަލުން މާލެ ދިޔައީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ލޭ ދިނީި އިއްޔެމެންދުރު ކުރީގަ. ދެން އޮފީސް ނިންމާފަ އައިސް ފްލެޓަށް ވަންނަން އުޅެނިކޮށް ގުޅީ އައިޖީއެމްއެޗުން. ގުޅާފަ ބުނީ އަލުން ލޭ ނަގަން ޖެހިއްޖޭ. ވީ ކީއްތޯ އެތައްފަހަރަކު އެހީމަ ބުނީ ލޭ ނެގި ކުއްޖާއަށް ލޭ އަޅަންވާ ފުޅި ނޫން އެހެން ފުޅިއަކަށް ލޭ އެޅުނީއޭ" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މައްސަލައަކީ ދެފަހަރަށް ދާންޖެހުން ނޫން ކަމަށާއި މައްސަލައަކީ ލެޔަކީ ކިހާ އަގުބޮޑު އެއްޗެއްކަން ބައެއް ފަރާތްތަކުން ނުދަންނާތީ ކަމަށެވެ. އަދި ޚާއްސަކޮށް ލޭ ގެ ސާމްޕަލްތަކާއި އެކިކަންކަމުގައި ނަގާ ލޭ އެކި ފުޅީގައި ބަހައްޓަން ޖެހޭއިރު، މިފަދަ ކަންކަމަށް އިހުމާލުވުމަކީ ވެސް ވަރަށްބޮޑު ކަންބޮޑުވުމެއްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި އައިޖީއެމްއެޗުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް