ކޯވިޑް-19 ވެކްސިން ނުޖަހާ މީހުންނާއި މެދު ތަފާތުކޮށް އަމަލު ކުރުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމުނާ އަބޫބަރުކުރު ސޮއި ކުރައްވާ މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ވެކްސިން ނުޖަހާ މީހުންނާއި މެދު ތަފާތު ކުރުން ގެންގުޅެން ފަށާނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކުން ކަނޑައަޅާ ޝަރުތުތަކާއި ފިޔަވަޅުތަކަށް އެ ދުވަހުން ފެށިގެން އަމަލުކުރަން އަންގާފައިވާނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނާއި މެދު ތަފާތު ކުރުމުގެ ހުއްދަ ފަސް ދާއިރާއަކަށް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ
ހޮޓާ/ކެފޭ އަދި ރެސްޓޯރަންޓުތައް ފަދަ ކެއުންބުއިން ފަދަ ހިދުމަތްތައް ދޭ ތަންތަނުން ވަކި ކަންކަމެއް ޝަރުތު ކުރުން
ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކުން ހިދުމަތް ދިނުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުން
ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރާ މީހުންނަށް ވަކި ކަންކަމެއް ޝަރުތު ކުރުން
ޓެކްސީ ޑްރައިވަރުންނާއި ވެއިޓަރުންނާއި ޖިމްތަކާއި ސެލޫންތަކުގައި މަސައްކަތްކުރާ މީހުންނަށް ވަކި ކަންކަމެއް ޝަރުތު ކުރުން
އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުން
އެޗްޕީއޭގެ އެންގުމުގައި ވާގޮތުން މި ތަންތަނަށް ވެކްސިން ނުޖަހާ މީހުންނާއި މެދު ތަފާތު ކުރުން ގެންގުޅެވޭނީ ކޯވިޑް-19 އަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުންނަށެވެ. އެޗްޕީއޭ އިން ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ކޯވިޑުން ދިފާއު ވުމުގެ ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެން އެ ވެކްސިން ޖަހަން ވެސް އަންގައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ކޯވިޑް ވެކްސިން ޖެހޭ އުމުރު ފުރާގެ 90 ޕަސެންޓު މީހުންނަށް ވެކްސިން ދީ ނިންމުމެވެ. އަދި އެވަރަށް ވެކްސިން ރާއްޖޭގައި އެބަހުރި ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ސްކޫލްތަކަށްވެސް ވަދެވޭނީ ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އެޑިއުކޭޝަނުން ބުނީ އޭގެ ތެރޭގައި ވެކްސިނަށް ޝަރުތު ހަމަނުވާ އުމުރުފުރާގެ ކުދިން ނުވަތަ ކިޔަވާ ދަރިވަރުން ނުހިމެނޭނެ ކަމަށެވެ.
ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގައިވެސް ތަފާތު ކުރުން ގެންގުޅެން ތައްޔާރުވަމުން ދާއިރު ސައުދީ އަރަބިއްޔާ، އެމެރިކާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައިވެސް ވަނީ ވެކްސިން ނުޖަހާ މީހުންނަށް ތަފާތު ކުރުން ގެންގުޅެން ފަށާފައި އެވެ.
މީގެ ތެރެއިން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސައުދީގައި ސަރުކާރާއި އަމިއްލަ ތަންތަނުން ހިދުމަތް ހޯދަން ވެކްސިން ކާޑު އޮތުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި އެ ގައުމު ރައްޔިތުންނަށް ސައުދީން ބޭރަށް ދެވެނީވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް