ކަޝްމީރުގެ މަސްރަޙު ރަނގަޅު ކަމަށާއި އެެއްވެސް ހާދިސާއެއްގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ބުނެފި

ކަޝްމީރުގެ މަސްރަޙު ރަނގަޅު ކަމަށް އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ފުލުހުން ބުނެފިއެވެ.ފުލުހުން މިހެން ބުނެފައި ވަނީ އާރޓިކަލް 370 އުވާލިތާ ދެ ވަނަ އަހަރު ފުރުމާއި ގުޅިގެން ކަޝްމީރުގެ މަސްރަޙު ގޯސް ވެދާނ...

07 Aug 2021 | 13:06

ކަޝްމީރުގެ މަސްރަޙު ރަނގަޅު ކަމަށް އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ފުލުހުން ބުނެފިއެވެ.ފުލުހުން މިހެން ބުނެފައި ވަނީ އާރޓިކަލް 370 އުވާލިތާ ދެ ވަނަ އަހަރު ފުރުމާއި ގުޅިގެން ކަޝްމީރުގެ މަސްރަޙު ގޯސް ވެދާނެ ކަމުގެ އަޑުތައް މީޑިއާތަކުގައި ގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ.

2019 ވަނަ އަހަރު އޯގަސްޓު މަހު އާރޓިކަލް 370 އުވާލުމުގެ ސަބަބުން ކަޝްމީރު ސަރަޙައްދުވަނީ ދެ ފެޑެރަލް ސްޓޭޓަަކަށް ބެހިފައެވެ.އެއީ މިހާރު ޖައްމޫ އަދި ކަޝްމީރާއި ލަޑަކް ނަމަކަށް ކިޔާ ވަކިވަކި ދެ ސްޓޭޓެވެ.އިންޑިއާގެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ ކަޝްމީރުގެ ހުރިހާ ހިސާބެއްވެސް އަމާން ކަމަށާއި، ހަމަނުޖެހުން އެކުލެވޭ އެއްވެސް ހާދިސާއެއް މިހާތަނަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.މީގެ އިތުރުން، މާރުކޭޓު ސަރަޙައްދުތަކުގައާއި ދަތުރުފަތުރު ކުރުމުގައިވެސް އެއްވެސް ހަމަނުޖެހުމެއް ހިނގައިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.އަދި އާންމު ޙާލަތެކޭ އެއްފަދައިން ހުރިހާ ފިހާރަތަކާއި ޕަބްލިކް އަދި އަމިއްލަ ދަތުރުފަތުރުތައްވެސް ކަޝްމީރުގައި ކުރިއަށް ގެންގޮސްފައި ވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެކި އެކި ޖަމިއްޔާ ޖަމާޢަތްތަކުން އިސްނަގައިގެން ކަޝްމީރުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ދިދަ އުފުލުމުގެ ރަސްމިއްޔާތުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.މިއާއިއެކު، ދައުލަތުގެ ފަރާތުންވެސް ގިނަ ޙަފްލާތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ ތެރޭގައި ލޫޓެނެންޓު ގަވަރުނަރު މަނޯޖް ސިންހާ އާއި ޑީޑީސީ އަދި ބީޑީސީ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމާއި ގިނަ ޓުއަރތައް ހިމެނެއެވެ.އަދި ކުރިންވެސް ތާވަލު ކޮށްފައިވާ ފަދައިން އަންހެނުންގެ ޚާއްސަ ފުޓުބޯޅަ މެޗެއްވެސް ވަނީ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މި މެޗުގައި ވާދަ ކޮށްފައިވަނީ ސައުތު ކަޝްމީރު 11 އާއި ޝްރީނަގަރު ކުލަބެވެ.

ކަޝްމީރުގެ ޝްރީނަގަރުގައި އަތު ބޮމެއް ގޮއްވާލުން ފިޔަވައި އިތުރު ޤާނޫނާއި ޚިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.މީގެ އިތުރުން، މެއިން ޗޯކް ސޮޕޯރެގައި ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ ގިނަ މީޑިއާތަކުން ކޮށްފައިވާ ރިޕޯޓު ފުލުހުން ވަނީ ދޮގު ކޮށްފައެވެ.

ކަޝްމީރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއިއެކު ކަޝްމީރުގައި އަމާންކަން ޤާއިމް ވުމުގެ އިތުރުން، އެ ސަރަޙައްދުގެ މަސްރަޙަށް ނުތަނަވަސްކަން ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް