އިންޑިއާގެ ލަކްޝަދީބުގައި ވަރަށް އަވަހަށް ވޯޓާ ވިލާތައް އަޅާ ރާއްޖެފަދަ ފަތުރުވެރިންގެ މައްޒިލެއްގެ ގޮތުގައި ތަރައްޤީ ކުރަނީ

އިންޑިއާގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ހުންނަފަދަ ވޯޓަރ ވިލާތަކެއް އަޅަން ނިންމައި، ޤުދުރަތީ ރީތިކަން ދައްކައިދޭ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ފެސިލިޓީތައް ތަރައްޤީ ކުރަން ނިންމައިފިއެ...

07 Aug 2021 | 11:12

އިންޑިއާގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ހުންނަފަދަ ވޯޓަރ ވިލާތަކެއް އަޅަން ނިންމައި، ޤުދުރަތީ ރީތިކަން ދައްކައިދޭ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ފެސިލިޓީތައް ތަރައްޤީ ކުރަން ނިންމައިފިއެވެ.މި ވިލާތައް އަޅަން ހަމަޖެހިފައި ވަނީ އިންޑިއާގެ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވޭ ލަކްޝަދީބުގައެވެ.

މިކަން ހާމަ ކުރައްވާ ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ޕަޓޭލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 800 ކަރޯޑު އިންޑިއާ ރުޕީސްއަށް އަޅާ މި ވޯޓަރ ވިލާތަކަކީ ލަކްޝަދީބުގެ ހިތްގައިމު ޤުދުރަތީ ރީތިކަން ފަތުރުވެރިންނާއި ހަމައަށް ގެނެސްދީ، އެއީ ފަތުވެރިން ގަޔާވާ މަންޒިލަކަށް ހެދުމަށް އަޅާ ވިލާތަކެއް ކަމަށެވެ.މީގެ އިތުރުން ޕަޓޭލްގެ ޓްވީޓުގައި ވިދާޅުވީ މިއީ އިންޑިއާގައި އަޅާ މިފަދަ ފުރަތަމަ ވިލާތައް ކަމަށާއި، ދުނިޔޭގެ ފެންވަރުގެ މި ފެސިލިޓީ އަޅާނީ އިރުގެ އަވިން ހަކަތަ އުފައްދާ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަމަށެވެ.

މިކަމާއި ގުޅިގެން ލަކްޝަދީބުގެ ކަލެކްޓަރު އަސްކަރ ޢަލީ ވިދާޅުވީ ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން ފަތުރުވެރިންނަށް ޚާއްސަކޮށް މިފަދަ ފެސިލިޓީއެއް އަޅަން ނިންމުމާއި ގުޅިގެން ދިވެހިރާއްޖެ ފަދަ ފަތުރުވެރިންގެ މަންޒިލަކަށް ލަކްޝަދީބު ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ނިންމުމެއް ކަމަށެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ކަދުމަތު، މަލިކު އަދި ސުހެލިތުގައި ތިމާވެއްޓާއި ރަޙްމަތްތެރި އިކޯ ޓޫރިޒަމް ތަރައްޤީ ކުރުމުގެ ޤާނޫނީ ހުއްދަ ( ނޯ އޮބްޖެކްޝަން ސެޓްފިކެޓު) އެ ސަރަޙައްދުތަކުގެ އާންމުން ތަމްސީލު ކުރާ ޕަންޗާޔަތުތަކުން ވަނީ ދީފައެވެ.އެހެން ކަމުން، ފަތުރުވެރިންނަށް ތަރައްޤީ ކުރާ ފެސިލިޓީތަކަށް ބާ ލައިސެންސް (ރާ ވިއްކުމުގެ ހުއްދަ)ވެސް ވަނީ މިހާރު ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް