ކޯވިޑް ވެކްސިން ނުޖަހާ އޮފީހަށް ނުކުތް ސީއެންއެންގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށް ކޯވިޑް-19 ވެކްސިން ފުރިހަމަ ނުކޮށް ވަޒީފާއަށް ނުކުތް ބައިނަލްއަގުވާމީ މަޝްހޫރު ނިއުސް ޗެނަލް ސީއެންއެންގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި...

07 Aug 2021 | 06:03

އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށް ކޯވިޑް-19 ވެކްސިން ފުރިހަމަ ނުކޮށް ވަޒީފާއަށް ނުކުތް ބައިނަލްއަގުވާމީ މަޝްހޫރު ނިއުސް ޗެނަލް ސީއެންއެންގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ޗެނަލުން ވަޒީފާއިން ވަކި ކުރީ ތިން މުވައްޒަފެކެވެ.

އެމީހުން ވަކިކުރުމަށް ފަހު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ސީއެންއެންގެ ޗީފް ޖެކް ޒެފާ ވިދާޅުވެފައިވަނީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކޯވިޑް ވެކްސިން ފުރިހަމަ ކުރުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އަދި އިތުރަށް އެކަން މުވައްޒަފުންނަށް ހަނދާން ކޮށްދީ، ސާފުކޮށްދޭން ބޭނުންވާ ކަމަށާއި ވެކްސިން ނުޖަހާ މީހުންނަށް އެ ތަނުގައި އޮތީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ނިއުސް އެޖެންސީތަކުން ދަނީ ވެކްސިން ޖެހުން މުވައްޒަފުންނަށް މަޖުބޫރު ކުރަމުންނެވެ. އޭގެ ތެރޭގައި ފޭސްބުކް އަދި ގޫގުލް ހިމެނެ އެވެ.

އެ ދެ ކުންފުނިން ބުނީ ކޯވިޑާއި ގުޅިގެން އަދިވެސް ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެން ކަމަށެވެ. އެކަމަކު އޮފީހުގައި މަސައްކަތް ކުރާ ގޮތަށް ހުޅުވާލަން ވާއިރަށް ވެކްސިން ފުރިހަމަ ކުރުމަށް މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށާއި ވެކްސިން ނުޖަހާ މީހުންނަށް އޭގެ ފަހުގައި އެ ކުންފުނިތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އެމެރިކާގައި ސަރުކާރު މުވައްޒަފުން އަންނަ މަހުގެ 15 ގެ ކުރިން ވެކްސިން ފުރިހަމަ ކުރުމަށް ވަނީ އަންގާފަ އެވެ. އޭގެ ފަހުން ވެކްސިން ފުރިހަމަ ނުކުރާ ސަރުކާޜު މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުން އަދި ސިފައިން ހަފްތާއަކު އެއް ފަހަރު އަމިއްލަ ހަރަދު ކޯވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާ އޮފީސްތަކަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް