ނަމާދުގައި ގުނޫތު ކިޔުން ހުއްޓާލަައިފި

މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައި ވާތީ ފަރުޟު ނަމާދުގައި، ޤުނޫތު ނާޒިލާ ކިޔުން ހޮނިހިރު  ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރު...

07 Aug 2021 | 05:32

މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައި ވާތީ ފަރުޟު ނަމާދުގައި، ޤުނޫތު ނާޒިލާ ކިޔުން ހޮނިހިރު  ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގްރޭޓާރ މާލެ ސަރަޙައްދުގައި ކޯވިޑް-19 ބަލީގެ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަމުގެ ސަބަބުން މާލެ ސަރަޙައްދުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވުމާއި ގުޅިގެން، ޢާންމު ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއްގައި ލުއިތައް ވަރަށް ބޮޑަށް ހުޅުވާލާފައި ކަމަށެވެ.

އެހެންކަމުން މިސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާޢަތް، ގައިދުރުކޮށްހެދުމާއި އަދި އަދި ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތުނާޒިލާ ކިޔުން މިވަގުތަށް ހުއްޓާކަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔުވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް