ސައުދާއި ވައްޑެގެ މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދ...

07 Aug 2017 | 09:12

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް ތާވަލް ކޮށްފި އެވެ.

ވައްޑެ އާއި ސައުދުގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ މާދަމާ ބާއްވާއިރު އެ ދެ ބޭފުޅުން މިވަގުތު ތިއްބެވީ ފުލުހުންގެ ބަންދުގަ އެވެ. އެ ދެ ބޭޭފުޅުން ހައްޔަރުކުރީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުންނާ އެކު މަޖިލީހަށް ވަން މައްސަލައިގަ އެވެ.

މި މައްސަލަތައް މާދަމާ ބާއްވަން ހަމަޖެހިފައިވަނީ ދެ މައްސަލަ ވަކިންނެވެ. އަދި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.

މި މެންބަރުންގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައެޅި މައްސަލަ ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އެވެ.

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމްގެ މެމްބަރުކަން ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަނުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ދެ މެންބަރުންގެ މައްސަލަ ކޯޓަށް ހުށައެއް ނާޅަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް