ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ލީޑްރޯލުން ފެނިގެންދާ ޝިވާންގީ ޖޯޝީ (ނައިރާ) ގެ ދައްތަގެ ރޯލުން ފެނިގެންދާ ކާންޗީ ސިންހަ (ގާޔޫ) އެ ޝޯ ދޫކޮށްލަން ނިންމައިފި އެވެ.
ކާންޗީ އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ ޝޯ ދޫކޮށްލަނީ ކުޅެން ލިބިފައިވާ ރޯލާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. ކާންޗީ ބުނެފައިވަނީ ސައިޑް ރޯލެއް ކުޅެން ބޭނުން ނުވާ ކަމަށާއި އެ ރޯލާއި މެދު އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. އެކަމަކު ޕްރޮޑަކްޝަން ޓީމާ ދޭތެރޭ އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ކާންޗީގެ ރޯލު ފުރަތަމަ އެ ޝޯއަށް ތައާރަފު ވެގެން ދިޔަ ގޮތުން ބެލެވުނީ އެ ޝޯގެ ލީޑް ރޯލުން ދެން ފެނިގެންދާނީ އޭނާ ކަމަށެވެ. އެއީ އަކްޝަރާ ޝޯ އާއި ވަކިވުމުން ގެނައި ބޮޑު ބަދަލުގައި އޭނާގެ ދެ ދަރިން ކަމަށްވާ ޝިވާންގީ އާއި ކާންޗީއަށް އެއްވަރެއްގެ ރޯލެއް ދީފައި އޮތުމުންނެވެ. އެކަމަކު ފަހުން ޝޯގެ ލީޑް އެކްޓަރު ކާރްތިކް އާއި ނައިރާ ކައިވެނި ކުރަން ތައްޔާރުވާ ހިސާބުން ލީޑް ރޯލު ކުޅޭ ދެ ތަރިންގެ ގޮތުގައި ނައިރާ އާއި ކާރްތިކް ހަމަޖެހިގެން ދެ އެވެ.
ކާންޗީ ބުނީ ޝޯގައި އޭނާގެ ކެރެކްޓަރަށް ލިބެންޖެހޭ ސަމާލުކަން ޕްރޮޑަކްޝަން ޓީމުގެ އެ ނިންމުމުގެ ސަބަބުން ނުލިބޭ ކަމަށެވެ. އެކަމަކު އަބަދުވެސް ލީޑްރޯލް ކުޅޭ ދެމީހުންނަށް ޝޯގައި ހާއްސަ ސަމާލުކަންދީ، އެމީހުންގެ ރޯލު ބޮޑުވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ކާންޗީ ބުނީ ދެން ޑްރާމާ ސީރީޒް ތަކުގައި އޭނާ ކުޅޭނީ ލީޑްރޯލް އެކަނި ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ސީރީޒް އިން ކާންޗީ ފެންނާނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ކުރިން ކާންޗީ ތިން ޑްރާމާ ސީރީޒް އިން ފެނިގެން ގޮސްފައިވާއިރު ލީޑް ރޯލުން ފެނިފައިވަނީ ޒީޓީވީން ދެއްކި "އޯރް ޕިޔާރު ހޯގަޔާ" އިން އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް