މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން މިދިޔަ ޖޫން މަހުގެ27 ގެ ނިޔަލަށް 998.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްވެގެން އައްޑޫ މަސްވެރިން ވަނީ ދިހަ ދުވަސް ވަންދެން އައްޑޫ މަސްފެކްޓަރީގައި މުޒާހަރާކޮށްފައެވެ.
މަސްވެރިން ކުރި މުޒާހަރާގައި އައްޑޫ މަސްފެކްޓަރީގެ އޮޕަރޭޝަން އޭރު އޮތީ ހުއްޓިފައެވެ. އަދި މުޒާހަރާގެ ބައެއް މީހުން ވަނީ މަސްފެކްޓަރީގެ ބައެއް ތަކެއްޗަށް ގެއްލުން ދިނުމަށްވެސް މަސައްކަތް ކޮށްފައިކަމަށް އައްޑޫ މަސްފެކްޓަރީގެ މުވައްޒަފުން ވަނީ ބުނެފައެވެ. އެމީހުން މުޒާހަރާ ހުއްޓާލީ އެމީހުނަށް ފައިސާ ދެއްކުމުންނެވެ.
މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދެއްކުމަށް ދަތިތަކެއް އުޅޭތީ ސަރުކާރުން ވަނީ މަސް ގަންނަ އަގަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން މި ހަފްތާގައި މަސްގަތުމަށް ކަނޑައަޅާފައިވާ އަގަކީ 16ރ އެވެ.
މަސް ގަންނަ އަގަށް ގެނައި ބަދަލާއި އެކު މަސްވެރިން ކިރާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވަނީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ލިބޭނެގޮތް ހަދައިދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. އެހެން ނަމަވެސް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ، މި ވައުދު ފުއްދުމަށް އަދި ދޮޅު އަހަރެއްހާ ދުވަސް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް