ދޮޅު މިލިއަން ރުފިޔާގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި

އަމިއްލަ ކުންފުންޏެއްގެ އޮފީހަކަށް ވަދެ، ދޮޅު މިލިއަން ރުފިޔާގެ ވައްކަމެއް ކުރި މައްސަލައާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މިދިޔަ އޭޕްރިލް މަހު 1 ވަނަ ދުވަހު ވައްކަން ކޮށްފައިވަނީ މާފަންނު ...

07 Jul 2024 | 07:20

އަމިއްލަ ކުންފުންޏެއްގެ އޮފީހަކަށް ވަދެ، ދޮޅު މިލިއަން ރުފިޔާގެ ވައްކަމެއް ކުރި މައްސަލައާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އޭޕްރިލް މަހު 1 ވަނަ ދުވަހު ވައްކަން ކޮށްފައިވަނީ މާފަންނު ހަވީރީ ހިނގުމުގައި ހުންނަ އަލިހަވާ ބިލްޑިންގެ އަށް ވަނަ ފަންގިފިލާފައި ހުންނަ އަލިހަވާ ޓްރޭޑިން ކުންފުންނީގެ އޮފީހުން ކަމަށް ފުލުހުން ބުނެއެވެ. މިކަން ކުރީ ގުރޫޕަކުން ކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ދުވަސް ނޫހަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ފަސް ފިރެހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މި ފަސް މީހުންގެ ތެރެއިން ދެމީހަކު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެން ކަމުން ބަންދުގައި މި މައްސަލައާއި ގުޅިގެން މިހާރު ތިބީ ތިން މީހުނެވެ.

މި ވައްކަމުގައި 1.5 މިލިއަން ރުފިޔާ ނަގާފައިވާއިރު، އެއީ ބަޔަކު އިންތިޒާމްވެގެން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޓް އޮފިސަރު ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލައިގައި ކުށުގެ ރިކޯޑް އޮންނަ އަބްދުﷲ ޖަމީލް، އއ.މަތިވެރި/ހަނދުވަރީގެ (29އ) ވެސް ވަނީ ހައްޔަރުގައެވެ.

އޭނާއަކީ 2018 ވަނަ އަހަރު ބަނގުރާ ގެނގުޅުމުގެ ދައުވާ ސާބިތުވެފައިވާ މީހެކެވެ. އަދި އެ މައްސަލައިގައި އެ އަހަރުގެ ފެބްރުއަރީ މަހު 1000ރ އިން ޖޫރިމަނާ ކުރަން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރު ޑިސެންބަރު މަހު ސައްހަ ނޫން ބެންކް ޓްރާންސެކްޝަންތަކެއްގެ މައްސަލައެއްގައި ކުރި ދައުވާ ސާބިތުވެ، މި އަހަރު ޖެނުއަރީ މަހު އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ. އެ މައްސަލައިގެ ޝައިއަތަށް އޭނާ ހާޒިރު ނުވެގެން ފުލުހުން ވަނީ އޭނާގެ ވަނަވަރު އާއްމު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް