ޕީޕީއެމްއިން އެމްއެންޕީއާއެކު އިންތިހާބުގެ މަޝްވަރާ ފަށައިފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މޯލްޑިވްސް އްނެޝަނަލް ޕާޓީ (އެމްއެންޕީ)އާއެކު ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ފަށައިފިއެވެ. އެމްއެންޕީއިން ބުނީ، ރިޔާސީ އިންތިހާބާއި ގުޅޭގޮތުންނާއި ގައުމީ މައްސ...

07 Jul 2023 | 10:06

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މޯލްޑިވްސް އްނެޝަނަލް ޕާޓީ (އެމްއެންޕީ)އާއެކު ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ފަށައިފިއެވެ.

އެމްއެންޕީއިން ބުނީ، ރިޔާސީ އިންތިހާބާއި ގުޅޭގޮތުންނާއި ގައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ޕީޕީއެމްގެ އެދުމަކަށް އެޕާޓީއާ އެކު ރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އިދިކޮޅުން ބައިވެރި ވެފައި ވަނީ، އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ)، ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި ޕީއެންސީގެ ނައިބުރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމް މިވަގުތު ހުންނެވީ ޖަލުގައެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ޔަގީނެއް ނުވެއެވެ.

ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެޕީޓީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވާނީ ޔާމީން ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސްް މުހައްމަދު ނާޒިމާއެވެ.

އިދިކޮޅުން ދަނީ އިންތިހާބާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްއާއެކުވެސް މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެދެބައިމީހުންގެ ހަތަރުވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީއާއި ޖޭޕީންވެސް ވަނީ ބައިވެރިވެފައެވެ. އެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ޔާމީނު އިންތިހާބުގައި ވާދަ ނުކުރައްވާ، އެކުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.

ނަމަވެސް އެ ޖަލްސާގެ ފަހުން އިދިކޮޅުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ޔާމީން ކަމުގައި ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް