މިއަހަރުގެ ޖޫން މަހު މީރާ އަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ޖޫން މަހު 2.32 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %...

07 Jul 2022 | 16:28

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ޖޫން މަހު 2.32 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %95.1 އިތުރު އަދަދެއް ކަމަށާއި އަދި ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %74.1 އިތުރު އަދަދެއް ކަމަށެވެ.

ފައިބެއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖޫން މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކްތަކުންނާއި ވިޔަފާރިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ޖޫން ގައި އައިސްފައިވާ ޓެކްސް ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާއި ދިމާވުމުގެ ސަބަބުން އެ އަހަރުގެ ޖުލައި އަށް ފަސްކުރުމުގެ ސަބަބުން، ޖޫން 2021 ގައި އާންމުކޮށް ލިބެންޖެހޭ އާމްދަނީ ޖުލައި 2021 އަށް ފަސްވުމަކީ ވެސް ސަބަބެއް ކަމަށް ބުނެއެވެ.

މީގެ އިތުރުން، މޭ 2021 އާ އަޅައިބަލާއިރު، މޭ 2022 ގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 94.3% އިތުރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާ އިން ބުނެއެވެ.

މި ސަބަބުތަކުގެ އިތުރުން، ސަރުކާރުން އަލަށް ކުއްޔަށް ދޫކުރި ރަށްރަށުގެ ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީ މިއަހަރު ޖުލައި މަހު ލިބިފައިވުމުން އާމްދަނީ އިތުރުވެފައިވާކަމަށް ވެސް މީރާއިން ވަނީ ފާހަގަ ކޮށްފައެވެ.

މިއަހަރުގެ ޖޫން ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 846.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 607.18 މިލިއަން ރުފިޔާއެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 418.56 މިލިއަން ރުފިޔާ ލޭންޑް އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީ ގެ ގޮތުގައި 154.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެއެވެ.

މިއަހަރުގެ ޖޫން މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 81.45 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް