ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.
ރާއްޖެއިން މި ޕްލޭން ގައި ސޮއި ކޮށްފައިވަނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބޭއްވި 'ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022' ގެ ތެރެއިންނެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023 އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެވެ. އަދި ކޮމަންސީސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޖޯ ރޮއިލްއެވެ.
ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުން އަންނަ ޖަމާއަތެއް ކަމަށްވާ ކޮމަން ސީސް އަކީ ޕްލާސްޓިކް ޕޮލިއުޝަންގެ ހައްލު ދެނެގަނެ ސަރުކާރުތަކާއި ކައުންސިލްތަކާއި ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިންނާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމާއަތެކެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭނަކީ، ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމާއި ދިވެހިރާއްޖޭގެ އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ޕްލޭނެކެވެ.
މި ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި ހަ ސިޔާސަތެއް އެކުލަވާލާ މި ސިޔާސަތުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒު ކުރުމަށް ރާވާފައިވެއެވެ.
އެގޮތުން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށް، މިތަކެތި ރާއްޖެއަށް އެތެރެކުރުން ވެސް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކުރުމަށް ހަމަޖެހިފައެވެ.
އެއްފަހަރު ބޭނުންކޮށް އެއްލާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭން މަދުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ސިޔާސަތާ ގުޅުވައިގެން މިނިސްޓަރ ސޮއިކުރެއްވި މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ 'ސިންގަލް-ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023' ތަންފީޒް ކުރުމުގެ މަސައްކަތް ދެފަރާތް ގުޅިގެން ކުރިއަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް