ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް ކުރިއަށް ދަނިކޮށް، ޕީޕީ...

07 Jul 2022 | 08:45

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް ކުރިއަށް ދަނިކޮށް، ޕީޕީއެމްގެ އޮފީހުން ދިދަތައް ނެރެގެން ގޮސް އަޑުއުފުލައި ފުލުހުންގެ ސަފުތައް ފަޅާލައި ވަދެގަނެ މީހުންނަށް ބިރުދައްކައި އިންޒާރުދީ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މެމްބަރު މުހައްމަދު އިސްމާއިލަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރެވެ.

މިއީ އެ ހަމަނުޖެހުމާ ގުޅިގެން އޭނާ ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގުމަށް ގެންދަން ޕީޕީއެމްގެ އޮފީހުން ދިދަ ދޫކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މުހައްމަދު އިސްމާއިލު ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. މި ތުހުމަތުކޮށްފައިވަނީ ދަނޑުގައި ޔޯގާ ހަރަކާތް ހިންގި ދުވަހުގެ ރޭ ފަތިހު އޭނާ ދިދަ ދޫކުރާ މަންޒަރު ފެންނަ ފޮޓޯ ވެސް ވަނީ އާއްމުވެފައެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ޝޭޚް އާދަމް ނިޝާނާއި ޝޭޚް ފަޒްލޫން މުހައްމަދާއި އެހެންވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ދެ މަސް ދުވަސް ވަނީ ޖަހާފައެވެ.

މި ހަމަނުޖެހުން ހިންގަން ދަނޑަށް ވަދެގަންނަން ފުރުސަތު ލިބުނީ ފުލުހުންގެ ފެއިލިއާއަކުން ކަމަށް ތުހުމަތުކުރަނިކޮށް، އެ މުއައްސަސާ އިން ވަނީ އެކަމަށް އެއްބަސްވެފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ޚާއްސަ އިންކުއަރީއެއް ދަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް