ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހުރިހައި ހައްޖާޖީން މިހާރުތިބީ މިނާ ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިނާއަށް ޙައްޖުވެރިން ދިޔައީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8 ޖެހިއިރު ކަމަށެވެ.
ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަަކަށްފަހު، މިއަހަރު ރާއްޖެެއިން ވަނީ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ގޮސްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނާއަށް މިއަދަކީ ހޫނު މަޑު ދުވަހެއް ކަމަށާއި މިނާގެ ފިނި ހޫނުމިން ހުރީ 36 ޑިގްރީ ސެންސިއަސް ގައި ކަމަށެވެ.
ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.
ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ.
ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.
ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.
މިއަހަރުގެ ޙައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް