ރޮނާލްޑޯ ދޫކޮށްލަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން މި ޓްރާންސްފާގައި އެހެން ...

07 Jul 2022 | 07:52

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން މި ޓްރާންސްފާގައި އެހެން ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ކުލަބުން ދޫކޮށް ދިނުމަށް ރޮނާލްޑޯ ޔުނައިޓެޑުގެ މެނޭޖުމަންޓުގައި އެދިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ނޫހެއް ކަމުގައިވާ "ދި ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުން މިހާރުވަނީ ރޮނާލްޑޯ ކުލަބުގައި އެދުނު ގޮތަށް އޭނާ ދޫކޮށް ދިނުމަށް އެއްބަސްވެފައެވެ. އަދި ޔުނައިޓެޑުގެ ފިއުޗާ ޕްލޭނުގައި ރޮނާލްޑޯ ނުހިމެނުމަށް ވެސް ޔުނައިޓެޑުން ނިންމާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ސަންގެ ރިޕޯޓުގައި ބުނެފައިވަނީ ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރަން ބޭނުން ނުވާނަމަ ގަދަކަމުން އެކަން ނުކުރެވޭނެ ކަމަށް އެ ކުލަބުން ބުނެފައިވާ ކަމަށާއި އެގޮތުން ރޮނާލްޑޯއަށް ރިލީޒް ދިނުމަށް ކުލަބުން ނިންމީކަމަށެވެ. އަދި ރޮނާލްޑޯ ނެތްތަންް ފޫބެއްދުމަށް ރަނގަޅު ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ޔުނައިޓެޑުން ކުރަމުން އަންނަކަމަށް ޔުނައިޓެޑާއި ހަވާލާދީީ ސަންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ ޓްރާންސްފާއާއި ބެހޭގޮތުން ތަފާތު ވާހަކަތައް މީޑިއާގައި ދެކެވެމުން ދާއިރު، ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން ނިންމީ އަންނަ ސީޒަނުގައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ނުކުޅެވޭތީ ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބަކަށް ބަދަލުވުމަށް ކަމަށް ބުނެއެވެ.

މި ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އިޓަލީގެ ރޯމާއާއި ނަަޕޮލީން ވަނީ ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިޔުނިކް އާއި ސްޕެއިންގެ ބާސެލޯނާގެ އިތުރުން ޗެލްސީން ވެސް ރޮނާލްޑޯ އަށް ޝައުގުވެރިވާކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިބެއެވެ. ނަމަވެސް ބަޔާން އާއި ބާސާއިން ވަނީ މީޑިއާގައި ދެކެވޭ މި ވާހަކަތައް ދޮގުކޮށްފައެވެ.

އެހެން ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބޭތޯ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް މިހާރުވެސް ދަނީ މަސައްކަތް ކުރަމުންކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް