ބޮލީވުޑްގެ ލެޖެންޑް ޔޫސުފް ހާން، އާންމު ނަމުންނަމަ ދިލިޕް ކުމާރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި 50 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ދިލިޕް ކުމާރު މަރުވީ ރޭ ފަތިހު މުމްބާއީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި އިރު އޭނާގެ އުމުރަކީ 98 އަހަރެވެ.
އޭނާގެ ޖަނާޒާ ބާއްވާފައިވަނީ އިންޑިއާ ގަޑިން ހަވީރު 5:00 ގައި އެވެ. ކަށު ނަމާދުކޮށް ވަޅުލާފައިވަނީ މުމްބާއީގެ ސެންޓަކްރޫޒް ގަބުރުސްތާނުގައި އެވެ. ގަބުރުސްތާނަށް ގެންދިއުމުގެ ކުރިން މުމްބާއީ ފުލުހުން ވަނީ ސަންދޯކުގެ މަތީގައި އިންޑިއާގެ ދިދަ ބާއްވާފައި އެވެ.
އަދި ކަށު ނަމާދުކޮށް ނިންމައި ގަބުރުސްތާނުގައި ވަޅުލުމުގެ ކުރިން ފުލުހުން ވަނީ މަހާރާޝްޓްރާ ސްޓޭޓްގެ ޝަރަފާއި އިއްޒަތް އެރުވުމުގެ ގޮތުން ބަޑީގެ ސަލާމެއް އަރުވާފައި އެވެ.
ދިލިޕް ކުމާރުގެ ޖަނާޒާގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ކުރީގެ މަޝްހޫރު ތަރިން އެ ގަބުރުސްތާނަށް ގޮސްފައިވެ އެވެ. އޭގެ ތެރޭގައި އަބީތާބް އަދި އަބީޝޭކް ބައްޗަން އާއި ޖޯނީ ފަދަ ތަރިން ދިޔަ އެވެ.
https://www.youtube.com/watch?v=eOikiNv5I-k
ދިލިޕް ކުމާރު މަރުވި އިރު އޭނާގެ އަންހެނުން ސައިރާ ބަނޫ ދުނިޔޭގައި އެބަ ހުއްޓެވެ. ދިލިޕް ކުމާރުގެ އެއްވެސް ދަރިއަކު ނުހުރެ އެވެ.
ދިލިޕް ބޮލީވުޑްގައި ފަނޑުވުމެއް ނެތި 50 އަހަރު މަސައްކަތް ކޮށްފައިވެ އެވެ. އެ މުއްދަތުގައި 65 ފިލްމު ކުޅެފައިވެ އެވެ.
ޔޫސުފް ހާން އިން އޭނާގެ ނަން ދިލިޕް ކުމާރަށް ބަދަލު ކުރީ ބޮލީވުޑްގައި މަސައްކަތް ކުރަން ފަށާފައި އެވެ. އެއީ އާންމުކޮށް އިންޑިއާގެ މަޝްހޫރު މުސްލިމް ފަންނާނުން ކުރާ ކަމެކެވެ.
އޭނާ އަކީ ޕިޝާވަރު ޕާކިސްތާނުގެ ބައެއްގެގޮތުގައި ކަނޑައެޅުމުގެ ކުރިން 1922 ވަނަ އަހަރު އެ ސިޓީއަށް އުފަންވި މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް