ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކުރި ތިން މީހަކު ދޫކޮށްލުމުން އިސްތިއުނާފު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ. ނަޝީދަށް އަމާޒުކޮށް ބޮން...

07 Jul 2021 | 13:29

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެރޭ އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގެންނަވަނިކޮށެވެ. އެ މައްސަލައިގަ މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނަވަރު ހާމަ ކުރީ ފަސް މީހެއްގެ އެވެ.

ބަންދުގެ މުއްދަތު ޖެހުމަށް އޭގެ ތެރެއިން ބަޔަކު ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ދޫކޮށްލީ ތިން މީހުންގެ މައުލޫމާތެއް އަދި ނޭނގެ އެވެ. އެމީހުން ދޫކޮށްލަން ހުކުމް އިއްވެވީ ގާޒީ ހަސަން ސައީދު އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ ކަމަށެވެ.

އެމީހުން ދޫކޮށްލި މައްސަލައިގަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ.

ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ވަނަވަރު އާންމުކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

މި ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ވަޑައިގެންނެވީ ޖަރުމަނުވިލާތަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް