ރައްޔިތުންގެ މަޖިލީހުގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގައި އެހެން ޕާޓީއެއްގެ ނަންޖަހައިގެން އުޅޭ ކަމަށް ތުހުމަތުކުރުމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ފަޑުވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖޭޕީ އަށް މަޖިލީހުގެ އިދާރާއިން ދީފައިވާ އޮފީހުގެ ބޭރުގައި އެހެން ޕާޓީއެއްގެ ނަން ޖަހާ މައްސަލައެއް ފެންމަތިކޮށްފައި ވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް ހަލީމެވެ. ދޮންބިލެތް ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި އެހެން ޕާޓީއެއްގެ ނަން ޖަހާފައި ވާތަން ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަގޮތުގައި ޖޭޕީ ނަންބޯޑުގެ ތިރީގައި ކަރުދާސްކޮޅެއްގައި "އެމްއެމްޕީ" ޖަހާފައި ވެއެވެ. އަދި "އެމްއެމްޕީ" ގެ މަތީގައި "ޞާލިހު ޕާޓީ" މިފަދައިންވެސް ލިޔެފައި ވެއެވެ.
މި ފޮޓޯ ހިއްސާކުރައްވަމުން ދޮންބިލެތް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މަޖިލިސްގެ އޮފީސް އެހެން ނަންނަމުގައި ބޭނުން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ދެރަ ކަމެއް ކަމުގައިވެސް ދޮންބިލެތް ވަނީ ފާހަގަކޮށްފައެވެ.
މިކަމާއި ގުޅިގެން "ދުވަސް" އަށް އަލީ ޞާލިޙް ވިދާޅުވީ، އިއްޔެ ދެއްކީ ޖޭޕީ ތެރެއިން އެހެން ޕާޓީއެއް އުފައްދާ ވާހަކަ ކަމަށައި މިއަދު އެ ދައްކަނީ އަދި މާ ހަމަނުޖެހޭ ވާހަކައެއް ކަމަށެވެ. ޖޭޕީގެ އޮފީހެއްގައި އެހެން ޕާޓީއެއްގެ ނަން ޖޭޕީއަކުން ނުޖަހާނެ ކަމަށް ވިދާޅުވެ އަލީ ޞާލިހް ވިދާޅުވީ ދޮގު ހަދާމީހުން ދޮގު ހަދާނެ ކަމަށެވެ. އަދި މާދަމާ ދައްކާނީ މާދަން ޖޭޕީން އެލަން މަސްކާއެކީ ޖައްވީ ސްޓޭޝަނެއް ގާއިމުކުރާ ވާހަކަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެ މަޖާޒީ ގޮތެއްގައި އަލީ ވަނީ ރައްދުދެއްވާފައެވެ.
ތުހުމަތުކުރެވެމުން ކަންކަން އަލީ ވަނީ ދޮގުކޮށްފައެވެ. "އިއްވެސް ޖެހުނީ ދޮގުކުރަން، މިއަދު ވެސް މިޖެހެނީ ހަމަ ދޮގުކުރަން، ދޮގުހަދާ މީހުން ދޮގު ހަދާނެ" މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ވެސް ހުންނަވާ އަލީ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޖޭޕީގެ ނައިބު ރައީސް ޞައުދު ވެސް "ދުވަސް"އާ ވާހަކަދެއްކެވިއެވެ.
މިކަމާއި ގުޅިގެން "ދުވަސް" އަށް ސައުދު ވިދާޅުވީ، އެއީ ޖޭޕީއަށް އެނގިގެން ވެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ ނާތަހުޒީބު ކަމެއް ޖޭޕީގެ މަޖިލިސް މެމްބަރަކު ނުކުރައްވާނެ ކަމަށާއި، މިއީ ރޭވިގެން ޕާޓީގެ އެތެރެ ހީނަރުކޮށް ޖެއްސުންކުރުމުގެ ނިޔަތަުގައި ބަޔަކު ނުވަތަ މީހަކު ކޮށްގެން އުޅޭ ކަމަށެވެ.
ސައުދު ވަނީ މިފަދައިން ޖޭޕީ އަށް ޖެއްސުން ނުކުރުމަށް އިލްތިމާސްކޮށް، މިފަދަ ކަންކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް