އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ދިރިއުޅުއްވާނެ ގެކޮޅުތައް ހަމަޖައްސައިފި އެވެ.
އެ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ މަހުއެވެ. އެކަމަކު ބިލު ފާސްވެ ތަސްދީގު ކުރި އިރު ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނެއް އޮތީ ކަނޑަ ނޭޅިއެވެ.
މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ދިރިއުޅުއްވާނެ ވަގުތީ ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެމަސައްކަތް ނިމޭނެ ދުވަހެއް އަދި އެއީ ކޮން ތަނެއްގައި ހުރި ގެ ނުވަތަ އެޕާޓްމެންޓެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ބިލު މަޖިލީހަށް ހުށަހެޅި އިރު ފުރަތަމަ އޮތީ ދެ ބާރުގެ ވެރިންނަށް ގެއެއް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު ދައުލަތުގެ ތަންތަނާއި މާލޭގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައި ސީދާ ގެއެއް ހަމަ ޖައްސައި ނުދެވިދާނެތީ ގެކޮޅު އިންތަން ވަނީ ތަނަކަށް ބަދަލުކޮށްފައި އެވެ.
ދެ ބާރުގެ ވެރިންނަށް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ހުށަހެޅީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހުގެ ރޭ ބޮން ގޮއްވާލުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް