ބޮލީވުޑަކީ ބައެއް އާއިލާތަކުގެ ނުފޫޒުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ އިންޑަސްޓްރީއެކެވެ.
ނަމުގެ ފަހަތަށް ކަޕޫރު ނުވަތަ ހާން ހުންނަ ގިނަ މަޝްހޫރު ފަންނާނުންނަކީ އެއް އާއިލާކަށް ނިސްބަތްވާ ތަރިންނެވެ. އިތުރު އެހެން ފަންނާނުންގެ ތެރޭގައިވެސް އާއިލާއިން ގުޅުން ނޯންނަ މީހުން ވަރަށް މަދެވެ.
ބޮލީވުޑްގައި ކާމިޔާބު ބައެއް އާއިލާތަކުގެ ތެރޭގައި ރިޝީ ކަޕޫރުގެ އާއިލާ އާއި އަނިލް ކަޕޫރުގެ އާއިލާ ފާހަގަކޮށްލަން ޖެހެ އެވެ. ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރު ކަޕޫރާއި ދެބެންގެ ދެދަރި ދައްތައިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރަކީ ބޮލީވުޑްގައި ވަރަށް މަޝްހޫރު ތަރިންނެވެ.
އަނިލް ކަޕޫރުގެ އާއިލާއަށް ބަލާއިރު ދަރިފުޅު ސޯނަމް ކަޕޫރާއި ދެބެންގެ ދެދަރި އަރުޖުން ކަޕޫރު އަދި ޖާންވީ ކަޕޫރު ހިމެނެ އެވެ.
އޭގެ ވަރަށް ދިގު ލިސްޓެއް އެބައޮތެވެ. އެކަމަކު މިފަހަރު ބަލާލާނީ މައިންބަފައިން ބޮލީވުޑްގައި ހޯދި ވަރުގެ ކާމިޔާބެއް ލިބިފައި ނުވާ މަދު ތަރިންތަކަކަށެވެ.
އަބީޝެކް ބައްޗަން:
އަމީތާބު ބައްޗަންގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން ބޮލީވުޑަށް ނުކުންނަ ވާހަކަ އާއި އެކު ގިނަ ބަޔަކު ގަބޫލު ކުރީ އޭނާ ވެގެންދާނީ އަމީތާބު ފަދަ ކާމިޔާބު އެކްޓަރަކަށް ކަމަށެވެ. 2000 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ރެފިއުޖީ" އިން ބޮލީވުޑަށް އަބީޝެކް ތައާރަފުވި ނަމަވެސް އެ ފިލްމުވެސް ފްލޮޕްވެ އޭނާ ގިނަ ފިލްމުތައް ޖެހި ޖެހިގެން ވީ ފްލޮޕެވެ.
ދާދިފަހުން އޭނާ މީޑިއާގައި ބުނެފައިވަނީ ފިލްމުތައް ފްލޮޕްވާން ފެށުމުން ދާއިރާ ދޫކޮށްލަން ބައްޕަ އާއި މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު ބައްޕަ އޭނާއަށް ދިން ނަސޭހަތަކީ ނާކާމިޔާބުގައިވެސް ކުރިޔަށް ދާން ދަސްކުރުމަށެވެ.
އެ ނަސޭހަތް އަޑުއަހައިގެން ބޮލީވުޑް ދޫކޮށް ނުލިނަމަވެސް އަބީޝެކަށް މާ ބޮޑެތި ވަރުގަދަ ޕްރޮޖެކްޓުތަކެއް ނުލިބެ އެވެ. ގިނައިން ފުރުސަތު ލިބެނީ ގިނަ ތަރިން ފެނިގެންދާ ފިލްމަކުން ނުވަތަ ހެއްވާ މަޖާ ފިލްމަކުންނެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އަބީޝެކަކަށް އެކްޓު ކުރާކަށް ނޭނގެ އެވެ. އަދި އޭނާ އަކީ އަމީތާބާއި ޖަޔާ ބައްޗަންގެ ދަރިއެކޭ ބުނަން ލަދު ގަންނަން ޖެހެ އެވެ.
ސޮނާކްޝީ ސިންހަ:
ސޮނާކްޝި އަކީ ކުރީ މަޝްހޫރު ތަރިން ކަމަށްވާ ޝަތްރުގަން ސިންހަ އާއި ޕޫނަމް ސިންހަ ގެ ދަރި އެކެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ދަބަންގް" އިންނެވެ.
ދަބަންގުގެ ފަހުންވެސް ރަނގަޅު ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް ބޭނުންވާ ސްޕީޑުގައި ފިލްމު ކުޅުމުގެ ޗާންސް ލިބޭލެއް ވަރަށް މަދެވެ. މައިގަނޑު ސަބަބަކަށް ވަނީ އޭނާގެ ހަށިގަނޑު އަދި އެކްޓު ކުރުމުގެ ހުނަރު ޑައިރެކްޓަރުންގެ ޝަރުތުތަކަށް ފިޓުނުވުމެވެ.
ސޮނާކްޝީ ހިތްވަރު އެލުވައެއް ނުލަ އެވެ. ފިލްމު ކުޅެން ނުލިބޭތީ އޭނާ ދާއިރާގައި ދެމި ހުރުމަށް ކުރާ ކަމަކީ ޓިވީ ޗެނަލްތަކުން ގެނެސްދޭ ރިއަލިޓި ޝޯތަކުގެ ޖަޖުކަން ކުރަނީ އެވެ. އޭނާ ޖަޖުކަން ކޮށްފައިވާ ޝޯތަކުގެ ތެރޭގައި "އިންޑިއަން އައިޑޮލް"، "އޯމް ޝާންތީ އޯމް" ފަދަ މަޝްހޫރު ޝޯތައް ހިމެނެ އެވެ.
ޝަރައްދާ ކަޕޫރު:
ޝަރައްދާ ކަޕޫރަކީ ކުރީގެ މަޝްހޫރު ބަތަލް ޝައްކީ ކަޕޫރުގެ ދަރިއެކެވެ. ޝަރައްދާ މިފަހުން ކުޅުނު ފިލްމުތައް ކާމިޔާބު ނަމަވެސް އޭނާގެ ކެރިއަރު ފެށިގެން އައީ ނާކާމިޔާބުގެ ދަތުރެއްގެ ގޮތުގައި އެވެ.
2010 ވަނަ އަހަރުގެ ފިލްމު "ޓީން ޕައްތީ" އިން ބޮލީވުޑަށް ތައާރަފުވި ޝްރައްދާއަށް ކާމިޔާބު ފިލްމެއް ކުޅެވުނީ 2012 ވަނަ އަހަރު އެވެ. އެއީ ފިލްމު "އާޝިގީ 2" އެވެ. އޭގެ ފަހުންވެސް ޝަރައްދާ ކުޅު ފިލްމުތަކެއް ފްލޮޕްވި އެވެ.
މިކަމާއި ގުޅިގެން ބައްޕަ ޝަކްތީ ބުނެފައިވަނީ ޝްރައްދާ އަކީ ބޮލީވުޑްގައި ކާމިޔާބު މީހަކަށް ނުވެދާނެ ކަމަށެވެ. އެކަމަކު ޝްރައްދާގެ ބައްޕަ އަކީ ބޮލީވުޑް ކާމިޔާބު ހޯދާފައިވާ މީހަކަށް ވުމުން ޝްރައްދާ ބަލާ ވަރަށް ފައިސާ އެބަހުރި ކަމަށެވެ. އެހެންކަމުން ޝްރައްދާ ބޭނުން ނަމަ ފިލްމު ކުޅުން ހުއްޓާލިޔަސް މައްސަލައެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް