ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އޮފީހުގައި އެހެން ނަމެއް ޖަހައިގެން އުޅެނީ ޕާޓީގެ އެތެރެ ހީނަރުކޮށް ޖެެއްސުންކުރަން ކަމަށް އެ ޕާޓީގެ ނައިބު ރައީސް ސައުދު ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖޭޕީ އަށް މަޖިލީހުގެ އިދާރާއިން ދީފައިވާ އޮފީހުގެ ބޭރުގައި އެހެން ޕާޓީއެއްގެ ނަން ޖަހާ މައްސަލައެއް ފެންމަތިކޮށްފައި ވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް ހަލީމެވެ. ދޮންބިލެތް ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި އެހެން ޕާޓީއެއްގެ ނަން ޖަހާފައި ވާތަން ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަގޮތުގައި ޖޭޕީ ނަންބޯޑުގެ ތިރީގައި ކަރުދާސްކޮޅެއްގައި "އެމްއެމްޕީ" ޖަހާފައި ވެއެވެ. އަދި "އެމްއެމްޕީ" ގެ މަތީގައި "ޞާލިހު ޕާޓީ" މިފަދައިންވެސް ލިޔެފައި ވެއެވެ.
މި ފޮޓޯ ހިއްސާކުރައްވަމުން ދޮންބިލެތް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މަޖިލިސްގެ އޮފީސް އެހެން ނަންނަމުގައި ބޭނުން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ދެރަ ކަމެއް ކަމުގައިވެސް ދޮންބިލެތް ވަނީ ފާހަގަކޮށްފައެވެ.
މިކަމާއި ގުޅިގެން "ދުވަސް" އަށް ސައުދު ވިދާޅުވީ، އެއީ ޖޭޕީއަށް އެނގިގެން ވެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ ނާތަހުޒީބު ކަމެއް ޖޭޕީގެ މަޖިލިސް މެމްބަރަކު ނުކުރައްވާނެ ކަމަށާއި، މިއީ ރޭވިގެން ޕާޓީގެ އެތެރެ ހީނަރުކޮށް ޖެއްސުންކުރުމުގެ ނިޔަތަުގައި ބަޔަކު ނުވަތަ މީހަކު ކޮށްގެން އުޅޭ ކަމަށެވެ.
ސައުދު ވަނީ މިފަދައިން ޖޭޕީ އަށް ޖެއްސުން ނުކުރުމަށް އިލްތިމާސްކޮށް، މިފަދަ ކަންކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ޖޭޕީއަކުން އަދި މަޖިލީހުގެ އިދާރާއަކުން ވެސް އެ ފަދަކަމެއް ނުކުރާނެ ކަމަށެވެ. މަޖިލީހުގައި އެ ފަދަ ކަމެއް ހިނގި ނަމަ އެކަން އިދާރާއިން ބަލާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަލީ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް