ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ރިޔާޒްގެ އިސްތިއުނާފުގެ މައްސަލަ ކެންސަލްކޮށްފި

ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒު ތިން އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް މިއަދު ހެނދުނު 10:15 ގައި ތާވަލު ކުރުމަށް ފަހު ކެންސަލް...

07 Jul 2015 | 07:42

ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒު ތިން އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް މިއަދު ހެނދުނު 10:15 ގައި ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒު ޖަލަށް ލާން މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ، ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން 21 މިލިއަން ޑޮލަރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑު މޯލްޑިވްސް އަށް ހަވާލު ކުރި މައްސަލައިގައެވެ. މި މަސައްކަތް ހެވީލޯޑު މޯލްޑިވްސް އާ ޙަވާލްކުރި އިރު މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަނުން ވަނީ 38.6 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކޮށްފައެވެ.

މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑަށް ދީފައި ވަނީ ރިޔާޒު ކަމަށާއި އޭނާ އެ ނިންމުން ނިންމާފައި ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑުގެ ނިންމުމެއްގެ ދަށުން ކަމަށް ޝަރީއަތުގައި ރިޔާޒް ބުނެފައިވާ ކަމަށެވެ. ނަމަވެސް ތިލަފުށީ ކޯޕަރޭޝަންގެ ބޯޑުގެ ނިންމުން ޝަރީއަތުގައި ސާބިތުކޮށް ދެވިފައެއް ނުވެއެވެ. އަދި މި ނިންމުމަކީ ތިލަފުށީ ކޯޕަރޭޝަންގެ ހިންގާ ޤަވާއިދާ ޚިލާފް ނިންމުމެއްކަން ވަރަށްސާފްކޮށް އެނގެން އޮތް ކަމަށްވެސް މި ޙުކުމްގައި ވެއެވެ.

ކަންމިހެން ހުރުމާއެކު ރިޔާޒުގެ އިއުތިރާފުންނާއި ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް އޭނާ ހޯއްދަވައިދެއްވާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.

ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ދެ ބޯޑު މެމްބަރުން ކަމުގައިވާ ގ. ރަންގިރީގޭ މުހައްމަދު ވާފިރު އާއި މއ. ރާހާ އަހްމަދު އަދުލީ ރަޝީދުގެ މައްޗަށް ވެސް ދަޢުލަތުން ދަޢުވާކޮށްފައި ވެއެވެ. ނަމަވެސް މައްސަލަ ސާބިތުވާވަރަށް ހެކި ހުށައެޅިފައި ނުވާތީ، މި ދެ މީހުންގެ މައްޗަށް އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވިކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް