ލީގު މެދުކަނޑާލުމުން ބީޖީއަށް މައްސަލައެއް ނޫން، މައްސަލަ އޮތީ އީގަލްސްއަށް!

މިނިވަން 50 ހަރަކާތްތަކަށް ގައުމީ ފުޓްބޯޅަ ދަނޑު ދޫކުރަން ޖެހޭތީ އަލުން ލީގު މެދުކެނޑާލުމަށް އެފްއޭއެމްއިން ނިންމުމުން ބީޖީއަށް މައްސަލައަކަށް ނުވި ނަމަވެސް، ކްލަބު އީގަލްސް އެއީ މައްސަލައަކަށް ވެއްޖެ...

07 Jul 2015 | 06:23

މިނިވަން 50 ހަރަކާތްތަކަށް ގައުމީ ފުޓްބޯޅަ ދަނޑު ދޫކުރަން ޖެހޭތީ އަލުން ލީގު މެދުކެނޑާލުމަށް އެފްއޭއެމްއިން ނިންމުމުން ބީޖީއަށް މައްސަލައަކަށް ނުވި ނަމަވެސް، ކްލަބު އީގަލްސް އެއީ މައްސަލައަކަށް ވެއްޖެ އެވެ.

އެފްއޭއެމްއިން ލީގު މެދުކަނޑާލަން ނިންމީ މިނިވަން 50 ހަރަކާތްތަކަށް ދަނޑު ތައްޔާރުކުރުމަށް ވަގުތު ބޭނުންވާތީ އެވެ.

"ލީގު މެދުކަނޑާލުމުން ކުޅުންތެރިންނަށް އޭގެ އަސަރުކުރާނެ. ކުޅުންތެރިންގެ ފިޓްނަސް ލެވެލް ދަށްވެގެންދާނެ. މިއީ ހަތްވަނަ މަސް. އަދި ލީގުގައި މި ކުޅެވުނީ އެންމެ ފަސް މެޗު. ކުޅުންތެރިންގެ ފިޓްނަސް ލެވެލް ކުއްލިއަކަށް މައްޗަށް ޖައްސާލަން އަޅުގަނޑު މިއީ މާ މޮޅު ކޯޗެއް ނޫން،" ބީޖީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތި) ބުންޏެވެ.

ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، ލީގު މެދުކަނޑާލުމަކީ ބީޖީއަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

"ލީގު މެދުކަނޑާލުމުން ބީޖީއަށް އެޑްވާންޓޭޖެއް އެބައޮތް. ޓީމު އިތުރަށް ރަނގަޅުކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދާނެ. މިހާރު ވެސް ބީޖީއަކީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާ ޓީމެއް. ބީޖީގެ ޓާގެޓަކީ ގަދަ ހައެއް،" އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިމެޗު ފެށޭނީ މިރޭ 10:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް