-
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް ކްލަބުން ކްލަބު އީގަލްސް ވެސް ހިފަހައްޓައިފި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ އީގަލްސްއާއި ބީޖީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިދިޔަ ހަފްތާގައި ބީޖީން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން ވެސް ޕޮއިންޓެއް ހޯދައިފަ އެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބީޖީއަށެވެ. ޑޭވިޑް ދިން ބޯޅައަކުން އުސާމް ފޮނުވާލި އެހަމަލާ އަމާޒުވީ އީގަލްސް ގޯލުގެ ހުރަސް ދަނޑިއަށެވެ. އުސާމްއަށް ބޯޅަ ލިބުނުއިރު އޭނާ އޮތީ އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށެވެ. ފުރަތަމަ ހާފްގެ ކުރީކޮޅުގައި އީގަލްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފްގައި ދެޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. މި ނަތީޖާއާއެކު ފަސް މެޗުން ލިބުނު 9 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި އީގަލްސް އޮތްއިރު، ބީޖީ އޮތީ 5 ޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައެވެ. 10 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ނިއު އޮތްއިރު، 8 ޕޮއިންޓާއެކު މާޒިޔާ އޮތީ ލީގުގެ ތިންވަނައިގައެވެ. ނިއު އަދި މާޒިޔާ ކުޅެފައިވަނީ ހަތަރު މެޗެވެ. ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިމެޗު ފެށޭނީ މިރޭ 10:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް