އައްޑޫ ސިޓީ މަރަދޫގައި އަންހެނަކު ސައިކަލް ދުއްވާފައިދަނިކޮށް ސައިކަލެއްގައި އައިސް އަންހެންމީހާގެ ސައިކަލުގައި ޖައްސާ ވައްޓާލުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 22:40 ހާއިރު އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށް ދިޔަ 18 އަހަރުގެ ފިރިހެނަކު އާންމުން ރައްޔިތުންގެ މަސައްކަތުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ކަމަށެވެ. އަދި އެ މީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމަށާއި އަދި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްފަހު މިހާރު އެމީހާ ދޫކޮށްލާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީއެކްސިޑެންޓްވި އަންހެންމީހާގެ ކަކުލުގެ ހުޅަށް އަނިޔާވި ކަމަށާއި ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ "އައްޑޫ ލައިވް" ނޫހުގައި ބުނެފައިވަނީ، ފަހަތުން އައި ސައިކަލުންޖެހި އަންހެންމީހާ ވެއްޓުމުން އަންހެންކުއްޖާގެ ކަކުލު ހުޅަށް އަނިޔާވި ކަމަށެވެ. އަދި އަންހެންމީހާ ދުއްވި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ސައިކަލުން ޖެއްސުމަށްފަހު ފިލީ ފޭދޫއަށް ނިސްބަތްވާ ޒުވާނެއް ކަމަށާއި އެމީހާ އަތުލައިގަނެ ފުލުހުންނާ ހަވާލުކުރީ އާންމު ރައްޔިތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް