ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަލަސްތީނުގެ ކުށްވެރި ގޭންގަކަށް އިސްރާއީލުން ހަތިޔާރު ފޯރުކޮށްދީފިއެވެ. "އެންޓި-ޓެރަރ ސަރވިސް" ގެ ނަމުގައި މަޝްހޫރު މި ގްރޫޕްގެ އިސްވެރިޔަކީ ރަފާހުގެ މަޝްހޫރު ކުށްވެރިއެއް ކަމުގައިވާ ޔާސިރު އަބޫ ޝަބާބެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ގޭންގު ހަރަކާތްތެރިވަނީ އިސްރާއީލީ ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައެވެ. އަދި މި ގޭންގަށް ކަލަޝްނިކޯވް ފަދަ ހަތިޔާރުތައް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ހަތިޔާރަކީ ހަމާސްއިން އަތުލައިގަނެފައިވާ ހަތިޔާރުތަކެއް ކަމަށް ބެލެވެއެވެ.
މި އޮޕަރޭޝަނަށް ހުއްދަ ދީފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ސެކިއުރިޓީ ކެބިނެޓުން ކަމަށް ބުނެވެއެވެ. ނެތަންޔާހޫ ފަހުން ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ރައްކާތެރިކުރުމަށް ބައެއް ފަލަސްތީނު ޖަމާއަތްތައް "އެކްޓިވޭޓް" ކުރެވިފައިވާ ކަމަށެވެ.
އަބޫ ޝަބާބުގެ އަމިއްލަ ޢާއިލާއިން އޭނާއާ ގުޅުން ކަނޑާލާފައިވެއެވެ. އަދި އިސްރާއީލުގެ ބާރުތަކާއެކު މަސައްކަތްކުރާ ކަމުގެ ތުހުމަތު އޭނާއާ މެދު ކޮށްފައިވެއެވެ. އެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ލޭ "ހުއްދަވެގެންވާ" ކަމަށެވެ.
އދ. ގެ އިންސާނީ އެހީގެ އޮފީހުން ބުނެފައިވާ ގޮތުގައި ޣައްޒާގައި އެހީ ލޫޓުވުމުގެ ތުހުމަތު ކުރެވެނީ އަބޫ ޝަބާބުގެ ގޭންގު ފަދަ ކުށްވެރި ގޭންގުތަކުން ކަމަށާއި، ހަމާސްއަކުން ނޫން ކަމަށެވެ. އަދި މި ގޭންގުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ހުރި އިންސާނީ އެހީ ވަގަށްނަގާފައިވާ ކަމުގެ ރިޕޯޓުތަކެއްވެސް ވެއެވެ.
މިފަހުން އެހީ ފޯރުކޮށްދޭ ޓްރަކު ޑްރައިވަރުންތަކެއް ވަނީ މަރާލެވިފައެވެ. މިކަމާ ގުޅިގެން ޣައްޒާގެ ޓްރާންސްޕޯޓް ޔޫނިއަންގެ އިސްވެރިއެއް ބުނެފައިވާ ގޮތުގައި މި ހަމަލާގެ ފަހަތުގައި އަބޫ ޝަބާބުގެ ގޭންގު އޮތް ކަމަށް އޭނާއަށް ޝައްކުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް