ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުން ބޮޑު އީދާ ދިމާކޮށް "އީދު ބޮލަށް ގޮން" ގެ ނަމުގައި ފޯރިގަދަ ސޯޝަލް މީޑިއާ ގިވްއަވޭއެއް ފަށައިފިއެވެ. މި ގިވްއަވޭގައި ބައިވެރިވެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ދިރާގުން މިއަދު ހާމަކޮށްފިއެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރަންޖެހޭނީ ދިރާގުގެ އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްތަކުގައި ޝާއިޢުކޮށްފައިވާ މި ގިވްއަވޭގެ ޚާއްޞަ ޕޯސްޓުތަކުގެ ކޮމެންޓް ސެކްޝަންގައި "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރުމެވެ. ކޮންމެ ބައިވެރިއަކަށްވެސް ގިނަ ރައްޓެހިން ގިނަ ފަހަރު ޓެގްކުރުމުގެ ފުރުސަތު އޮތްކަމަށް ދިރާގުން ބުނެފައިވެއެވެ. އަދި ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ދިރާގުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ލަކީ ޑްރޯއަކުން 3 ނަސީބުވެރިން ހޮވާނެއެވެ. މި ތިން ނަސީބުވެރިންނަށާއި އެ ފަރާތްތަކުން ޓެގްކުރި މީހުންނަށް ތަފާތު އިނާމުތަކެއް ލިބޭނެއެވެ. އެގޮތުން:
- ފުރަތަމަ އިނާމުގެ ގޮތުގައި 2 ޑީޖޭއައި ޑްރޯން
- ދެވަނަ އިނާމުގެ ގޮތުގައި 2 އެޕަލް އެއަރޕޮޑްސް (ތަރޑް ޖެނެރޭޝަން)
- ތިންވަނަ އިނާމުގެ ގޮތުގައި 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް
މި ޚާއްޞަ ގިވްއަވޭގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު 11 ޖޫން 2025 ގެ ނިޔަލަށް އޮންނާނެކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ދަނީ އެކިއެކި ޚާއްޞަ މުނާސަބަތުތަކާ ގުޅުވައިގެން ތަފާތު އެކި ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ. މި ގިވްއަވޭއަކީވެސް އެފަދަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް