ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ފޮނުވުމަކީ ހުރިހާ ޒަމާނެއްގައިވެސް މުސްލިމް އުންމަތްތަކުގައި އޮތްކަމެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ މިއަދު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފްލައިޓްގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް އެއާޕޯޓަށް ވަޑައިގެން އެއާޕޯޓުގައި ހުއްނަވައި ދެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަޒީރު ވިދާޅުވީ މިއަދު ރާއްޖެއިން 339 ފަރާތެއް ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ފުރާއިރު މިއަދުގެ އަނެއް ޚާއްޞަ ކަމަކީ ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދާ ޙައްޖުވެރިން މިއަދު ފުރާ ފުރުން ކަމަށެވެ.
"މިކަމަކީ ދިވެހިރާއްޖޭގައި ކުރެވޭ ވަރަށް ރަނގަޅު ކަމެއް، ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ފޮނުވުމަކީ އެއީ ހުރިހާ ޒަމާނެއްގައިވެސް މުސްލިމް އުންމަތްތަކުގަ އޮތް ކަމެއްވެސްމެ" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ ތިން ވަނަ ހަފުތާގެ ތެރޭގައި، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިޢުލާނުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް