އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހޭކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއްކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫ އަކީ ފަލަސްޠީނާ މެދު، "އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު" މި މަޢުލޫއެވެ.
އެގޮތުން މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާއާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެއް ނުވާ ވަރުގަދަ ގުޅުމެއްކަމަށާއި އަދި އަލްއަޤްޞާ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމެވެ. އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲ އަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށެވެ.
"އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެ، އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ، އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ މި ހުރިހައި ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށް ކަމަށާއި މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތި އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފިކަމަށެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށެވެ. އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައިކަމަށެވެ.
"މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމު، އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވައިލަމު" ޚުޠުބާގައި ބުނެފައިވެއެވެ.
"ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައި ލޯތްބާއި، ހަމްދަރުދީއާއި، އުޚުއްވަތްތެރިކަން ވަނީ ބިންވަޅުނެގިފައި، ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް، މި ކަމުގައި މާތް اﷲ، މި ރާއްޖޭގެ ވެރިންނަށާއި ރައްޔިތުންނަށް ތައުފީޤު ދެއްވާށި! އާމީން!" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންތައްތައް ކަމަށާއި އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންކަމަށެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުން ކަމަށެވެ. މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެ ނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެތެވެ. މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲ އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެން ކަމަށާއި އެކުވެރިވެ އެއްބައިވަންތަވެގެންކަމަށެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެން ކަމަށެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް