ދަޢުލަތުގެ ޚަރަދުގައި ޙައްޖަށްދާނެ 50 މީހުން ހޮވީ ލައިވް އިވެންޓެއްގައި ގުރުއަތުން: އިސްލާމީ ވުޒާރާ

ދަޢުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށްދާނެ 50 މީހުން ހޮވީ ލައިވް އިވެންޓެއްގައި ގުރުއަތުންކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރ...

07 Jun 2024 | 09:19

ދަޢުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށްދާނެ 50 މީހުން ހޮވީ ލައިވް އިވެންޓެއްގައި ގުރުއަތުންކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ކަނޑައަޅައި ނިމި އެފަރާތްތަކުގެ މަޢުލޫމާތުވާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ހިއްސާ ކުރެވިފައި ކަމަށެވެ.

"50 މީހުން ހޮވާފައިވާނީ މި ވުޒާރާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުން" ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ނެގުނު ކަމަށާއި އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 ފަރާތާއި ގުރުއަތުން ހޮވޭ ފަރާތަކުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 ފަރާތެއް ހިމެނޭ ގޮތުން ކަމަށެވެ.

"ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައި، އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ވަނީ ދެވިފައި" ވުޒާރާއިން ބުނެފައިވެއެވެ.

މި 50 ފަރާތްތަކުގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު  ދަޢުލަތުގެ ފަރާތުން މިހާރު ހަމަޖައްސާފައިވާއިރު 31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން އެއް ފަރާތް އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން އެއް ފަރާތާއެކު ޖުމްލަ ދެ ފަރާތެއް މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައި ކަމަށް އަދި ބާކީ ތިބި 48 ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ފުރާ މޯލްޑިވސް ޙައްޖު ކޯޕަރޭޝަނުގެ ތިންވަނަ ފްލައިޓުންކަމުގައިވެސް ވުޒާރާއިން ބުނެފައިވެއެވެ.

https://www.facebook.com/100069016320722/videos/440404774997045

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް