ރައީސްގެ ރިޔާސީ ވަޢުފުޅުގެ ދަށުން ސަރުކާރު ޚަރަދުގައި ޙައްޖަށް ފުރާ 50 ޙައްޖާޖީން މިއަދު ފުރާނެ

ދިވެހި ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ފުރާ 50 ޚައްޖާޖީން މިއަދު ފުރާނެކަމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކު...

07 Jun 2024 | 07:09

ދިވެހި ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ފުރާ 50 ޚައްޖާޖީން މިއަދު ފުރާނެކަމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، ރައީސް މުޢިއްޒުގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައި ދެއްވުމަށް އެމަނިކުފާނުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ ފުރަތަމަ 50 ޙައްޖުވެރީންގެ ގްރޫޕް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 7 ޖޫން 2024 ވާ ހުކުރު ދުވަހު ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކާ މައްކާއަށް ދިއުމަށްޓަކާ ފުރާނެކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ ތިން ވަނަ ހަފުތާގެ ތެރޭގައި، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިޢުލާނުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް