ފިލިޕީންސްގެ ވަކިން އޮންނަ ރަށެއްކަމުގައިވާ މިންދަނާއޯއަށްއުފަންވި ގުޅިފައިވާ އެއްމާބަނޑު ދެކުދިން ކަމުގައިވާ އަޢީޝާ އަދި އަޚީޒާ ޔޫސަފްގެ ދެ ހަށި ވަކި ކުރުމުގެ ބޮޑު އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ނާޒުކު މި އޮޕަރޭޝަން ކޮށްފައިވަނީ ކިންގް އަބްދުﷲ ސްޕެޝަލައިޒްޑް ޗިލްޑްރެންސް ހޮސްޕިޓަލުގައެވެ. މިއީ ސަޢޫދީ ރަސްގެފާނު، ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި ހަތް ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ ފަސް މަރުޙަލާއަކަށް ބަހާލައިގެންނެވެ. އޮޕަރޭޝަން ކުރިއަށްގެންދިޔަ ޓީމުގައި ކޮންސަލްޓެންޓުންނާއި، ސްޕެޝަލިސްޓުންނާއި، ޓެކްނިކަލް، ނަރސިންގ އަދި ސަޕޯޓް ސްޓާފް ހިމެނޭހެން 25 މެންބަރަކު ބައިވެރިވިކަމަށް ބުނެފައިވެއެވެ.
ކާމިޔާބުކަމާއެކު މި އޮޕަރޭޝަން ނިމި އަޚީޒާ އަދި އަޢީޝާ ވަކިކުރެވުމުން މި ދެކުދިންގެ މަންމަ ޚާޝިމާ ޔޫސުފް ވަނީ ހެއްދެވި ފަރާތަށް ހަމްދާއި ޝުކުރުކުރާ ޙާލު، ސަޢޫދީ ރަސްގެފާނާއި އެ ޤައުމަށް ޝުކުރު އަދާކޮށްފައެވެ.
އުމުރުން އެއް އަހަރާ ހަތަރުމަހުގެ މި ދެ އަންހެންކުދިން ގުޅިފައިވީ ހަށިގަނޑުގެ މެއާއި ބަނޑުން ބައެކެވެ. މި ދެކުދިންވެސް ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތައް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިއްސާކުރާ ހާލު އުފަންވެފައިވާއިރު މި އޮޕަރޭޝަން ކުރުމަށް އެ ޢާއިލާ ސަޢޫދީ އަރަބިއްޔާއަށް ދިޔައީ މިދިޔަ މެއި މަހުގެ ކުރީކޮޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް