ޕާކިސްތާނުގައި އިންސާނީ ހައްގުތަކާ ހިލާފުވާ މައްސަލަތައް ފާހަގަކުރުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހޯމަ ދުވަހު ޖެނީވާގައި ހުންނަ އދ.ގެ މައި އޮފީހުގެ ބޭރުގައި މުޒާހަރާ ކޮށްފިއެވެ.
މިގޮތުން ޕާކިސްތާނުގެ ދިދައާއި އިމްރާން ހާންގެ ޕާޓީގެ ތެހްރީކް އޭ އިންސާފް، ޕީޓީއައި ޕާޓީ މެންބަރުން އެއްވެފައި ވަނީ ޕެލެސް އޮފް ނޭޝަންސްގެ ބްރޯކަން ޗެއަރ މޮނިއުމަންޓް ކުރިމައްޗަށެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން 100 އެއްހާ މީހުންނަކީ ފްރާންސް، ނެދަލެންޑްސް، ސްޕެއިން އަދި ޖަރުމަނު ފަދަ ޔޫރަޕްގެ އެހެން ގައުމުތަކުގެ މީހުން ކަމަށް ލަފާކުރެވެ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިމްރާން ހާނަށް ތާއީދުކޮށް އަޑުއުފުލާފައެވެ.
އަދި މެއި މަހުގެ 11 ވަނަ ދުވަހު ސިއަލްކޯޓް އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ހައްޔަރުކުރި ޕާކިސްތާނުގެ ނޫސްވެރިއެއް އަދި ޔޫޓިއުބަރެއް ކަމަށްވާ އިމްރާން ރިޔާޒް ޚާން ދޫކޮށްލުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފާއި ޕީޓީއައިގެ ވެރިޔާ އިމްރާން ޚާންއާ ދެމެދު ސިޔާސީ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިމްރާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް