ދިވެހި މީޑިއާގެ ދަފްތަރު މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށްފި

ދިވެހި މީޑިއާގެ ދަފްތަރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފިއެވެ. އެމްއެމްސީން ދިވެހި މީޑިއާތަކުގެ ދަފްތަރު ޝާއިއު ކޮށްފައިވަނީ މި ހިނގާ ޖޫނ...

07 Jun 2023 | 09:57

ދިވެހި މީޑިއާގެ ދަފްތަރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފިއެވެ.

އެމްއެމްސީން ދިވެހި މީޑިއާތަކުގެ ދަފްތަރު ޝާއިއު ކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 6 ވީ އަންގާރަ ދުވަހުއެވެ.

އެގޮތުން މި ދަފްތަރުގައި 14 މީޑިއާއެއް ރަޖިސްޓްރީކޮށްފައި ވާއިރު މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް ކަނޑައެޅިފައިވާ ގޮތް އެކުލެވޭ ލިސްޓެކެވެ.

މި ދަފްތަރާއި ބެހޭގޮތުން އެމްއެމްސީން ބުނީ މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނެހެން އަދާހަމަ ދިވެހި މީޑިއާ ދަފްތަރެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ.

މިގޮތުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، "ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު" އެކުލަވާލައި، އެ އުސޫލުގައި ބަޔާންކޮށްފައިވާ މީޑިއާ ދަފްތަރު އެކުލަވާލުމާ ގުޅޭ ކޮމިޓީއަކުންް ކަމަށް އެމްއެމްސީން ހާމަކުރެއެވެ.

މީގެ އިތުރުން މީޑިއާތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ގޫގްލް ފޯމެއް ތައްޔާރުކޮށް މީޑިއާތަކާއި ހިއްސާކޮށްފައި ވާއިރު، މީޑިއާތައް ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ، މި ފޯމް މެދުވެރިކޮށް ހޯދާ މައުލޫމާތު ތަކަކީ ސައްހަ މައުލޫމާތުތޯ ކޮމިޓީން ބަލައި ކަށަވަރު ކުރުމަށްފަހު ގައި ކަމަށް ވެސް އެމްއެމްސީ އިން ހާމަކުރެއެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލުން އާންމުކުރެވުނު ދިވެހި މީޑިއާގެ ދަފުތަރު، ކޮންމެ ތިން މަހުން އެއްފަހަރު އަދާހަމަކޮށް ބަލަހައްޓާނީ އެ ކައުންސިލުގެ އިދާރާއިން ކަމަށެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅަވާލާފައި ކަމަށް އެމްއެމްސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް