އައްޑޫ ސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ސޮއި ކޮށްފި

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ. މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެ...

07 Jun 2023 | 09:50

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

އަދި މި މިސްކިތް އިމާރަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ނޫރައްދީން އިންވެސްޓްމަންޓް އާއި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެެއެވެ.

މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫއެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނޫރައްދީން ކޮންސްޓްރަކްޝަނާއި ހަވާުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަަމަށެވެ.

މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް ޢިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ނޫރައްދީން އިންވެސްޓްމަންޓްގެ މެނޭޖަރ ޢަބްދުﷲ ސާލިހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަށް ހަވާލުވާ މަސައްކަތެއް ނިންމުމަށްކަމަށެވެ. އެހެންކަމުން މި މަސައްކަތްވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރ ޢަބްދުﷲ ޞާލިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް